އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ މަސައްކަތުގެ މަތީޖާ ނެރެވޭނީ އެ މުއައްސަސާއަށް އެއްވެސް ނުފޫޒެއް ނެތި މަސައްކަތްކުރުމުގެ މިނިވަންކަން ލިބިގެން ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ޝިއުނާ މިހެން ވިދާޅުވެފައި މިވަނީ އޭސީސީގެ މަސައްކަތްތައް ލަސްވެ އެދެވޭ ނަތީޖާ ނުނިކުންނާތީ އެ ކޮމިޝަނުގެ ހުރިހާ މެމްބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމާފައި ވަނިކޮށެވެ.

ނެޝެނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިއުނާ ވިދާޅުވީ އޭސީސީގެ ރައީސްގެ މަގާމަށް އޭނާ ނޫން މީހަކު އައިސް މެމްބަރުން ބަދަލުކުރި ނަމަވެސް އަޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތަކާއި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށެވެ. އަދި ހަރުދަނާ ރަނގަޅު ގޮތުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮމިޝަން މިނިވަން ތަނެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ ދައުލަތުގެ ފައިސާ ނުހައްގުން ހޯދައި އެއިން މަންފާ ނަގައިގެން ދިރިއުޅުން އާރާސްތުކުރުމަކީ މިދިޔަ އަހަރުތައް ތެރޭގައި އާދައަކަށް ހަދާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަންކަން ހުއްޓުވަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ ދައުލަތުގެ ފައިސާއަކީ އެއިން ނާޖައިޒު ފައިދާ ހޯދަން އޮތް އެއްޗެއްގެ ބަދަލުގައި އަމާނާތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ޝިއުނާ ވިދާޅުވީ ދައުލަތުގެ ފައިސާއަށް ބަޔަކު ހިޔާނާތްތެރިވުމުން އެ ގެއްލުނު ފައިސާ ހޯދަން ޖެހޭ ކަމަށާއި، ހޯދާނެ ކަމަށް ބުނުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެއީ ކުރަން އެހާ އުނދަގޫ މަސައްކަތެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެއީ ވަރަށް ގިނަ ވަގުތު ވެސް އެކަމަށް ހޭދަވާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ އޭސީސީއަށް ހަވާލުކޮށްފައިވާ އެންމެ މައިގަނޑު މެންޑޭޓަކީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުން ކަމަށެވެ. އެކަމަކު އެފަފަ ކަންކަން ހިނގިޔަ ނުދިނުމަށް ސިޔާސަތުތަކެއް ކަނޑައަޅާފައިވުމަކީ ވެސް މުހިންމު ކަމެއްކަން ފާހަގަކުރައްވާ ޝިއުނާ ވަނީ އެކަމަށްޓަކާ މި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އެހެންނަމަވެސް އަދިވެސް އެކަންކަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަން ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *