ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އިހްތިރާމްކުރާ ސަގާފަތެއް ރާއްޖޭގައި އާލާކުރަން ޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ ދެއްވި ހިތާބުގައި ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް އިސްކޮށް ހުރިހާ ވިޔަފާރިތަކުގައި ވެސް އެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މުނާ އަލިއަޅުއްވާލެއްވިއެވެ.

މުނާ ވަނީ ބިދޭސީ މަސައްކަތެރިން ލައްވާ ކުރުވާ މަސައްކަތަކީ ގަވާއިދުގެ ތެރެއިން ކުރާ ކަމަކަށް ހަދައި އެމީހުންނަކީ ވެސް މުޖުތަމައުތެރޭގައި އިހްތިރާމާއި ލޯބި ލިބިފައިވާ ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަކީ ހިއުމަން ޓްރެފިކިން ގެ ޝިކާރައަކަށް ނުހަދާ އެމީހުން ޜާއްހެ ގެނައުމުގެ މަސައްކަތްވެސް ގާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް މަހުން މަހަށް ދޭން ޖެހޭ އުޖޫރަ އެމީހުންނަށް ދިނުމަށް މުނާ ގޮވާލެއްވިއެވެ.

އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މުނާ ވިދާޅުވީ ކުޑަކުދިން ގުރޫމްކޮށް، ދީނީ ހަރުކަށި ފިރުކުގެތެރެއަށް ލަންބާލުމަށް މަސައްކަތް ކުރާ ބަޔަކު އުޅޭއިރު، އެފަދަ ކުދިން ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް މަދުކަމާއި މިފަދަ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ރާވާ ހިންގޭނެ އިންތިޒާމުތަކެއް ސަރުކާރުގެ ތެރެއިން ހަމަޖެހިގެން ދިއުމުގެ މުހިންމުކަމާ އަދި އަނބުރާ މުޖުތަޢުގެ ތެރެއަށް ގެނައުމަށް ސަރުކާރުގެ މުޢައްސަސާތަކުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން، ޖިނާއީ ބޮޑެތި ކުށްތަކަށް ކުޑަކުދިން އަރައިގަންނަ ކަމީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް، އަދި ކުށްތަކަށް އަރައިގަންނަ ކުދިން އަލުން އަނބުރާ މުޖްތަމައަށް ނެރުމަށްޓަކައި ހަރުދަނާ ރީހެބިލިޓޭޝަން ނިޒާމެއް އޮތުމަކީވެސް ނުހަނު މުހިންމުކަމެއް ކަމަށް މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވިގޮތުގައި ކުޑަކުދިންނަށް އަނިޔާކޮށްގެން ގުޅުންހުރި ދައުލަތުގެ އިދާރާތަކަށް، ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާއާއި އިހުމާލު އަދި ޖިސްމާނީ އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަމަށާއި ކުޑަކުދިންގެ ނާޖާއިޒު ބޭނުންކޮށްފައިވާ މައްސަލަތައް ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން މުނާ ވިދާޅުވީ އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އަންހެނުންނަށް އަނިޔާކުރުމާއި އެފަދަ ލާއިންސާނީ ކަންކަމުގައި ދީން ހަތިޔާރަކަށް ހެދުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މުޖުތަމައުގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އަންހެނުން ބާރުވެރިކުރުވާ ސިޔާސަތުތައް އެކަށައެޅުމުގައާއި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރާއި  މިހާރަށްވުރެވެސް ފުޅާކުރަންޖެހޭކަމަށް މުނާ ވިދާޅުވިއެވެ. އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް މަދުކަން ފާހަގަކުރެއްވިއެވެ. އަދި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަގުފަހިވާގޮތަށް ގާނޫނީ އޮނިގަނޑު އޮތް ނަމަވެސް އެކަން ތަންފީޒުކުރުމަށް އެކަށީގެންވާ މަސައްކަތްކުރަމުން ނުދާކަމަށް ވެސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *