ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާގައި ބައިވެރިވެވަޑައިގެން އެ މީހުންގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، ބޮޑު ކަންނެލި މަސްވެރިން ވަނީ އެމީހުންގެ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާއެއް ބާއްވާފައެވެ. އެ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގެން އެ ކަންބޮޑުވުންތައް ސާފުކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވިއެވެ.
#MasveringeDhuvas
Bodu kanneli masverin kuriah gendhaa muzaarihaagai raees baiverive vadaigathun; hushahelhun thakah hallu hoadhdhaa dhevvan masehkaiy kuravvaane kamah vidhaalhuvi: pic.twitter.com/HLso4ErAes— Mabrook Azeez (@MvSpokesperson) December 10, 2021
މަބްރޫކް ވިދާޅުވީ މުޒާހަރާގެ ބައިވެރިވެވަޑައިގެން މަސްވެރިންގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުވި ކަމަށެވެ. އެގޮތުން ބޮޑު ކަންނެލި ކިރާ އަގު މައްޗަށް ޖެއްސުމަށް ކުރަން ޖެހޭ ކަންކަން ކުރުމާއި މަސް ގަތުމަށް މާކެޓު ފުޅާކުރުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އެރުވި ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރަށް ބާނާ މަސް ތާޒާކަންމަތީ ދަމަހައްޓާ ކުއެލިޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށް އިތުރު 18 އައިސް ޕްލާންޓް ގާއިމްކުރުމާއި، މާލެ ސަރައްދުގައި ބަނދަރުކުރެވޭނެ ނިޒާމު އެޗްޑީސީ އާއި ގުޅިގެން ރާވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު ވަނީ ގާފަރަށް ފުރާވަޑައިގެންފައެވެ.