ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ ކިތަންމެ ހަގު ކުންފުންޏަކަށް ވީނަމަވެސް، މަގުތަކަށް ދީމާވާ ހުރިހާ މައްސަލަތަކަށް ހައްލު ހޯދަން އެކޯޕަރޭޝަނަށް އެނގޭކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް މޫސާ އަލީ މަނިކު ވިދާޅުވެއްޖެއެވެ.
ޖަޒީރާއަށް މައުލޫމާތު ދެއްވަމުން އޭނަ ވިދާޅުވީ، ކުރިން ލިބުނު ތަޖުރިބާތަކާއި އެކު، މަގަކަށް ހައްލު ހޯދޭނެ ހުރިހާ ގޮތެއް އާރްޑީސީއަށް ދަސްވެއްޖެކަމަށެވެ. އެގޮތުން އެކޯޕަރޭޝަނުން މަސައްކަތް ނިންމާފައިވާ ހުރިހާ މަގެއްވެސް ނިންމާފައިވާނީ، ދެވަނަ ފަހަރަށް މަގު ކޮންނަން ނުޖެހޭނެ ގޮތްތަކަށާއި، ފެންބޮޑު ނުވާނެ ފަދަ ގޮތްތަކަށްކަމަށެވެ.
އެހެންކަމުން އާރްޑީސީ ކިތަންމެ ޅަޔަސް މިހާރު މަގެއްގައި ދިމާވާ ހުރިހާ ކަމެއްގައި ހައްލު ހޯދާނެ ގޮތްތައް އާރްޑީސީއަށް އެނގޭނެކަމަށާއި، އާރްޑީސީގެ މުވައްޒަފުންނަށް މިކަމުގެ ހުނަރާއި، ތަޖުރިބާ ލިބިފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ. އާރްޑީސީން ނިންމާ ހުރިހާ މަގެއްގެ ކޮލިޓީވެސް ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.
މާލޭގެ މަގުތަކުގެ ތެރެއިން މާފަންނުގައި ނިންމި މަގުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ކަށަވަރުކުރެވުނު ރަށެއްގައި މަގަކަށް ދިމާވާނެ ހުރިހާ މައްސަލައެއް އޮތް ތަނެއް މާލެއަކީ. އެހެންވީމަ މާލެއަށް މި ދެވޭ ހިދުމަތްތަކަށް ބުރު ނާރާ، މަގުތަކުގައި ފެންބޮޑުނުވެ، މިކަން ކުރެވޭނެ އިންތިޒާމު، އަދި އަނެއްކާ އިރުއިރުކޮޅާ ކޮންނަން ނުޖެހޭގެ ގޮތަށް މަގުތައް ތަރުތީބުކުރެވިގެން ދިޔުމަކީ އާޅުގަނޑުމެނަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް
އެކޯޕަރޭޝަނުން މިހާރު ނިންމާ މަގުތަކުގައި، ރައްޔިތުން ހިތްހަމަ ނުޖެހޭކަމެއް ފާހަގަވާނަމަ އެކަންވެސް އެކޯޕަޜޭޝަންގެ ސަމާލުކަމަށް ގެނައުމުގެ ފުރުސަތު ހުޅުވިފައި އޮތްކަން ފާހަގަކުރައްވާ އާރްޑީސީގެ އެމްޑީ މޫސާ އަލީ މަނިކު ވިދާޅުވީ، ރައްޔިތުންގެ ހިތްހަމަނުޖެހުން އަޑުއަހައި އެކަމެއް ބަލައި ރަނގަޅުވެސް ކުރާކަމަށެވެ. އަދި އެހެން ހެދުމުން، މަގުތައް ހެދުމުގައި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން އެ ކޯޕަރެޝަނަށް ފާހަގަވެގެންދާކަމަށެވެ.
އޭނަ ވިދާޅުވީ، އާރްޑީސީއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަސައްކަތްތަކާއި ދޭތެރޭ ރައްޔިތުން އިތުބާރުކުރުންކަމަށެވެ. އެގޮތުން މާލޭގައި ކުރާ މަސައްކަތްތަކުގައްޔާއި، އަތޮޅުތެރޭގައި ހިންގާ ޕްރޮޖެކްޓްތަކުގައިވެސް ރައްޔިތުންގެ ފުރިހަމަ އިތުބާރު އެކޯޕަޜޭސަނާއި ދޭތެރެ އޮންނަކަމަށެވެ. އަދި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގައި ކޮލިޓީ ހުންނަ ކަމާމެދު ރައްޔިތުން ޝައްކުވެސް ނުކުރާކަމަށެވެ.
އެމްޑީ ވިދާޅުވީ އޭނަގެ އުންމީދަކީ ކުންފުނީގެ މެންޑޭޓުގައިވާގޮތަށް ފާލަކަންތަކާއި ބްރިޖްތަކާއި މަގުތައް މަރާމާތުކޮށް ތަރައްގީކޮށް އަދި މަގުތަކާއި ގުޅުން ހުރި ހުރިހާކަމެއްގެ ހައްލު އާރްޑީސީގައި އޮތުންކަމަށެވެ. މީގެއިތުރުން އާރްޑީސީއަކީ ރާއްޖޭގައި ނަން ހިނގާ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކޮށް، ރައްޔިތުންނާއި ގުޅިފައިވާ ކުންފުންޏަކަށް ވެގެން ދިޔުންކަމަށެވެ.
އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން އަތޮޅުތެރޭގައި މިހާރުވެސް އާރްޑީސީން 11 މަޝްރޫއުއެއް ދަނީ ހިންގަމުންނެވެ. މީގެތެރޭގައި މަގު ހެދުމުގެ މަސައްކަތްތަކާއި ފުޓުބޯޅަ ދަނޑުތަކުގެ ސަބްބޭސްގެ މަސައްކަތްތައް ހިމެނެއެވެ.
އާރްޑީސީން ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއުއަކީ މާލެ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުއެވެ. މި މަޝްރޫއުގެ ދަށުން 150 އަށް ވުރެ ގިނަ މަގު އިތުރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ހަދަން ފަށާފައި ވަނީ މާފަންނު ހުޅަނގު އުތުރުގެ މަގުތަކެވެ. އެގޮތުން މާފަންނު ހުޅަނގު އުތުރުގެ މަގުތަކާއި، ރޯޝަނީ މަގު މި ޕްރޮޖެކްޓްގެ ދަށުން މިހާރު ވަނީ ނިންމާލާ އާންމުންނަށް ހުޅުވާލާފައެވެ.
މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.
މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.