މަސްވެރިން މަސްބާނަނަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާއި، އެއާއެކު އިގްތިސޯދަށް އައި ހީނަރުކަމުގެ ވާހަކައަކީ މިއަދު އެއްވެސް މީހަކަށް އޮޅިފައި އޮތް ވާހަކައެއް ނޫނެވެ. އިނދަޖެހުނު ފަތުރުވެރިކަމުގެ ދާއިރާއާއެކު ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމުގެ ދާއިރާއަށް ވެސް އޭގެ އަސަރު ކުރީ އަރައިގަންނަން ފަސޭހަ މިންވަރަކަށް ނޫނެވެ. ނަމަވެސް އޭރުވެސް ރާއްޖޭގެ އިގްތިސޯދު ބިކަވިޔަ ނުދީ، ހިފެހެއްޓީ ހަމަ އެ މަސްވެރިކަމުގެ ދާއިރާއެވެ.

ހަމަ އަގު ނުލިބާއި ރައްކާތެރިކަން ނެތުން

މިއަދު ގަބޫލު ކުރަންވީ ހަގީގަތަކީ މަސްވެރިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ޝަކުވާތަކަށް ހައްލު ނުލިބުމެވެ. މަހަށް ހަމަ އަގު ލިބޭނެ ކަމަށް ބުނެ އެތަކެއް ސިޔާސީ ވެރިން ނިކުމެވީ ވައުދުތައް ބިލާހަކަށް ވެގެން ދިއުމެވެ. އިންތިޚާބެއް ބޯމަތިވާއިރަށް މަސްވެރިން ގޯނި ފުލަށްލީ ނަމަވެސް މަސްވެރިންނަށް ހަމަ އަގު ލިބޭނެ ކަމަށް މަސްވެރިން ކުރަމުން ދިޔަ އުއްމީދުތައް މިއަދު ފުނޑުފުނޑުވެ ހިނގައްޖެއެވެ.

މަހުގެ އަގުތަކަށް ބަލާއިރު، އެންމެ ރަނގަޅު އަގެއްގައި މަސް ވިއްކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު 25-30 ރުފިޔާއަށް މަސް ކިލޯއެއް ވިއްކިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސް ކިލޯއެއް ވިއްކީ 20 ރުފިޔާއަށެވެ. އަދި މިހާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަހުގެ އަގު މިވަނީ 16 ރުފިޔާއަށް ވެއްޓިފައެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ދެން އެންމެ މުހިންމު އެއް ކަމަކީ މަސްވެރިންގެ ރައްކާތެރިކަމެވެ. މަސްވެރިންނަސް ބޭނުންވާ ރައްކާތެރިކަން ނުލިބުމުގެ ސަބަބުން މިއަދު އެތައް ސަތޭކަ މަސްވެރިންނެއް، ނުކުޅެދިފައި އެބަތިއްބެވެ. އިތުރު މީހެއްގެ އެހީތެރިކަމާއެކު މެނުވީ ނޫޅެވޭ ހާލުގައެވެ. މައްސަލައަކީ ބޭނުންވާ ވަރަށް ޑީކޮމްޕްރެޝަން ޗެމްބަރު ނެތުމެވެ.

ރާއްޖޭގައި އެންމެ ގަދައަަށް މަސްވެރިކަން ކޮށްއުޅޭ އެއް އަތޮޅަކީ ހުވަދުއަތޮޅެވެ. ހުވަދު އަތޮޅުގެ 17 ރަށަކުން މަސްވެރިކަން ކުރާއިރު، އައްޑޫ ފުވައްމުލަކުގެ މަސްވެރިން ވެސް މަސްބާނަން އެން ހޯދަން ދަނީ ހުވަދުއަތޮޅަށެވެ. ސަބަބަކީ ހުވަދު އަތޮޅުގައި ފުން ކަނޑެއް އޮތުމާއެކު، އެން ހޯދަން ފަސޭހަވުމެވެ. ޑީކޮމްޕްރެޝަން ސިކްނެސްގެ ގިނަ ހާދިސާތަކެއް ވެސް ހިނގާފައި ވަނީ މި ސަރަހައްދުގައެވެ. ނަމަވެސް ހުވަދުއަތޮޅުގައި ޑީކޮމްޕްރެޝަން ޗެމްބަރ އެއް ނެތުމުގެ ސަބަބުން އެ މަސްވެރިންނަށް ބޭނުންވާ ފަރުވާ ނުލިބި، ހާލަތު ގޯސްވަނީއެވެ. ނުވަތަ ފުރާނަ ގެއްލެނީއެވެ.

މަސްވެރިކަން ޕްރޮމޯޓް ކުރުން

ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް އެތައް މިލިއަން ބޭރު ފައިސާއެއް ވަންނައިރު، މަސްވެރި ކަމަކީ އެއަށް ވަކި ދޫ ދޭ އެއްޗެއް ނޫނެވެ. ފަހަރުގައި ފަތުރުވެރިކަމާ އެއްވަރު ކުރާ ވަރަށް ބޭރު ފައިސާ ރާއްޖެއަށް ނުވައްދައެވެ. ނަމަވެސް ލައްކައަކަށްވުރެ ގިނަ ދިވެހިން ބަރޯސާވެފައި އޮންނަ ކަމަކީ ހަމަ މަސްވެރިކަމެވެ.

މަސްވެރިންގެ ފަރާތުން މިއަދު ކުރަމުންދާ އެއް ޝަކުވާއަކީ ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން ކުރާ ޚަރަދު މަސްވެރިކަން ޕްރޮމޯޓް ކުރަން ނުކުރާ ކަމެވެ. މަސްވެރިކަމަކީ އެތައް ހާސް ދިވެހި އާއިލާއެއް އެކަމަކަށް ބަރޯސާވެފައި އޮތް ކަމަކަށްވާއިރު، މި ސިނާއަތް ކުރިއެރުވުމަކީ އެ އާއިލާތަކަށް ނުހަނު މުހިންމު ކަމެކެވެ.

ޒުވާން މަސްވެރިޔާ

މަސްވެރިކަން ޕްރޮމޯޓް ކުރަން ސަރުކާރުން ޚަރަދު ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މަސްވެރިއަކު ބުނީ، ކޮންމެ ސަރުކާރަކުން އައިސް ވެސް އެތަކެއް ތަރައްގީގެ މަޝްރޫއުތައް ހިންގާ ކަމަށެވެ. ނަމަވެސް އެތައް ޒަމާނެއް ވަންދެއް ދިވެހިންގެ ލޭނާރު ކަމުގައި އޮތް މަސްވެރިކަމަށް އެ ސަމާލުކަން ނުދިނުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަން އޭނާ ފާހަގަކުރެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ އަހަންމިއްޔަތުކަން މަސްވެރިކަމަށް ނުދޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މަސްވެރިކަން ޕްރޮމޯޓް ކުރަން ވީމާއި، ޚަރަދު ކުރަންވީ ޒުވާން މަސްވެރިޔާގެ ޖީބުންތޯ؟

އޭނާ ބުނީ ރަށްރަށުގައި ނަރުދަމާ އެޅުމަށްވުރެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހަން ސަރުކާރުން މަސައްކަތް ކުރުމަކީ މާ މުހިންމުކަމެއް ކަމަށެވެ. ސަބަބަކީ މަސްވެރިކަމަކީ އެތަކެއް އާއިލާއަކުން އާމްދަނީ ހޯދާ ހަމައެކަނި މަގު ކަމަސް ވުމެވެ. އެހެންކަމުން މަސްވެރިކަމުގެ ދާއިރާ ކުރިއަރައިގެން މެނުވީ އެ އާއިލާތަކުން ކައިގެން އުޅެވޭނެ ގޮތެއް ނެތެވެ.

2020 ވަނަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ތިންވަނަ ކުއާޓަރގެ ނިޔަލަށް މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 37.9 ޕަސަންޓް އިތުރުވެއްޖެއެވެ. ނަމަވެސް ފަތުރުވެރިކަން ޕްރޮމޯޓް ކުރަން ކުރާ ހޭދަ މަސްވެރިކަން ޕްރޮމޯޓް ކުރަން ކުރާނަމަ، މިއަދަދު އިތުރުވެގެން ދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކުރިން ނުކުރާ އިންވެސްޓް، މިހާރު ކުރޭ

މަހުގެ އަގު ދަށްވި ނަމަވެސް ކުރީގެ ހާލަތާ މިއަދުގެ ހާލަތާ ތަފާތުކަން ގަބޫލު ކުރަން ޖެހެއެވެ. ކުރިން މަސްވެރިކަމުގެ ދާއިރާއަށް ނުކުރާ އިންވެސްޓް މިއަދު ކުރެއެވެ. މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހަން މި ސަރުކާރުން ކުރާ މަސައްކަތް މަސްވެރިން ބަލައިގަނެއެވެ. އެ އިންވެސްޓްމަންޓްތަކުގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމައަށް އަދި ނުލިބުނު ކަމުގައި ވީނަމަވެސް، އެކަން ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ.

މި ސަރުކާރު ހަވާލުވިއިރު ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން އޮތީ މަސްވެރިންނަށް 39.5 މިލިއަން ރުފިޔާއިން ދަރާފައެވެ. އެ ދަރަނި ދައްކާ ޚަލާސްކުރުމާއެކު ސަރުކާރުގެ އަމާޒަކީ މަސްގަތުމަށްފަހު އެއް ހަފްތާ ތެރޭގައި މަސްވެރިންނަށް ފައިސާ ދެއްކުމެވެ.

މަސްވެރިން ބާނާ މަސް ނުކިރި، އެއްލާލަން ޖެހޭ ކަމުގެ ޝަކުވާއަކީ މީގެ ކުރިން އަބަދުމެ އަޑުއިވެމުން ދިޔަ ޝަކުވާތަކެވެ. ނަމަވެސް މިއަދު އެ ޝަކުވާތަކެއް ނީވެއެވެ. މަސް ނުކިރިގެން އެއްލާލަން ޖެހޭ ޖެހުން މިއަދު ނިމުމަކަށް ގެނެވިއްޖެއެވެ. އައިސް ޕްލާންޓުތަކާއި ކޯލްޑް ސްޓޯރޭޖުތައް އަދިވެސް ދަނީ އިތުރު ކުރަމުންނެވެ. އެގޮތުން، މިއަދު އެކަނިވެސް 4 އައިސް ޕްލާންޓެއް ހުޅުވަން ވަނީ ތައްޔަރުވެފައެވެ.

މިއަދު ހުޅުވާ އައިސް ޕްލާންޓުތަކުގެ ތެރޭގައި ހިމެނެނީ ރ. މަޑުއްވަރީގައި ހުޅުވާ 25 ޓަނުގެ އައިސްޕްލާންޓަކާއި ކ. ގާފަރުގައި ހުޅުވާ 25 ޓަނުގެ އައިސްޕްލާންޓެއްގެ އިތުރުން ހއ. ހޯރަފުށީގައި ހުޅުވާ 25 ޓަނުގެ އައިސްޕްލާންޓެއް އަދި ފެލިވަރުގައި ހުޅުވާ 50 ޓަނުގެ އައިސްޕްލާންޓެކެވެ. މީގެ އިތުރުން ވެސް ގިނަ އައިސްޕްލާންޓްތަކެއްގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ސްޓޯރޭޖް ކެޕޭސިޓީއަށް ބަލާލާނަމަ، ސްޓޯރޭޖް ކެޕޭސިޓީގެ އިތުރު ކުރުމުގެ 5 މަޝްރޫއެއް ކުރިއާށް އެބަދެއެވެ. އެގޮތިން ފެލިވަރުގައި 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކުރުމާއެކު ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 8 ގުނައަށް އިތުރުވެގެން ދާނެއެވެ. އަދި ގއ. ކޫއްޑޫގައި 4000 މެޓްރިކް ޓަނުގެ ސްޓޯރޭޖަކާއި، ގދ. ތިނަދޫގައި 1000 މެޓްރިކް ޓަނުގެ ސްޓޯރޭޖެއްގެ އިތުރުން މ. މުލަކުގައި 500 މެޓްރިކް ޓަނުގެ ސްޓޯރޭޖެއް އަދި ކަނޑުއޮތްގިރީގައި 200 މެޓްރިކް ޓަނުގެ ސްޓޯރޭޖެއް ގާއިމް ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރިއަށް އެބަގެންދެއވެެ.

ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމުގެ މަޝްރޫއުތައް ނިމި، މި ތަންތަން ބޭނުން ކުރަން ފެށުމާއެކު މިފްކޯއަށް މަސްގަނެވޭ ކެޕޭސިޓީ ދުވާލެއްގެ މައްޗަށް 61 ޕަސަންޓް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ތިން ވަނަ ކުއާރޓާއާ ހަމައަށް އައިއިރު 55،000 މެޓްރިކް ޓަނުގެ މަސް ސަރުކާރުން ގަނެފިއެވެ. އެއާއެކު މިއަހަރު ވެގެން މިދިޔައީ ފާއިތުވި 14 އަހަރު ދުވަހަށް ބަލާލާއިރު، މިފްކޯއިން އެންމެ ގިނައިން މަސް ކިރުވި އަހަރަށެވެ. ހަމައެއާއެކު މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން ވަނީ މަސްވެރިންނަށް 979 މިލިއަން ރުފިޔާ ދައްކާފައެވެ.

ކޮވިޑުގެ ދަތި ހާލުގައި ވެސް ސަރުކާރުން ވަނީ މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، އިންކަމް ސަޕޯޓް އެލަވަންސް 1854 މީހަކަށް 39.3 މިލިއަން ރުފިޔާ ދީފައި ވެއެވެ. އެއީ ކަޅުބިލަމަސް އަދި ކަންނެލީގެ މަސްވެރިކަން ކުރާ 98 މީހަކަށް 1.2 ރުފިޔާ، ފަރުމަހުގެ މަސްވެރިކަން ކުރާ 1،394 މީހަކަށް 30 މިލިއަން ރުފިޔާގެ އޮތުރުން ސީ ކިއުކަމްބަރ އަދި އިހީގެ މަސްވެރިކަން ކުރާ 362 މީހަކަށް 8 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ބޮޑު ކަންނެލި ގަންނަ 5 ކުންފުންޏަކަށް ލޯނުގެ ގޮތުގައި 55 މިލިއަން ރުފިޔާ ދީފައި ވެއެވެ އަދި އެސްޑީއެފްސީ މެދުވެރިކޮށް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ 124 މީހަކަށް 219 މިލިއަން ރުފިޔާ ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *