ސަރުކަރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން އދ. ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވާފައިވަނީ، ކުނބުރުދޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ފެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހާއި އެ ކުންފުނީގެ ބޯޑު މެންބަރު އިބްރާހިމް އަންވަރުގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ އެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުނބުރުދޫއަށް ފޮނުވައި، ފެނާއި ނަރުދަމާ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.75 ކިލޯމީޓަރުގެ ދިގު ފެން ފޮޅީގެ މައި ނެޓްވޯރކް ގާއިމް ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރު.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މި މަޝްރޫޢާއެކު، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ކުނބުރުދޫގައި 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި،
374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެއެވެ. މި މަޝްރޫއާއެކު ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކުނބުރުދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ފެން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއުގެ އަގަކީ 45.12 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫއުގެ މަސައްކަތް ނިމުމުން ކުނބުރުދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.