މީރާގެ ޓެކްސް ޕެޔަރ ސާރވިސް ސެންޓަރ އިން ހިދުމަތް ދެނީ -- ފޮޓޯ: އަވަސް

މިދިޔަ ނޮވެމްބަރު މަހު 1.24 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 168.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި، ނޮވެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 51.8 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާއި އަޅައިބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި އަޅާބަލާއިރު، އޮކްޓޯބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާއިން ދެކެއެވެ. މި ފީ ނޮވެންބަރު 2020 ގައި ލިބިފައެއް ނުވެއެވެ.

ނޮވެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.2 ނުވަތަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %6.5 ނުވަތަ 80.99 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ (%6.2)، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ (%6.1)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ (%3.6) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ (%15.4) ލިބިފައިވެއެވެ.

ނޮވެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *