ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ)ގެ "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް)، އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް ކަމަށްވާ، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް" އަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.
މި މުއާހަދާއަށް ގެންނަ ބަދަލު ރާއްޖެއިން ގަބޫލުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ބޭނުންވެއެވެ. އެހެންކަމުން މި ބަދަލުގައި ބައިވެރިވެ، ރާއްޖެއިން ގަބޫލުކުރުމުގެ ކުރިން މަޖިލީހުގެ ރުހުން ހޯދަން ހުށަހެޅުއްވީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ. ވަޒީރުންގެ މަޖިލީހުން މިކަމަށް ލަފާދެއްވާފައި ވަނީ އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޑަބްލިއުޓީއޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، "ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަގްވާމީ މުހިންމު އެއްބަސްވުމެކެވެ.
ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިސްލާހު، "ޕްރޮޓޮކޯލް އެމެންޑިންގ ދަ ޓްރިޕްސް އެގްރީމަންޓް"އަކީ ޑަބްލިއުޓީއޯގެ އެއްބަސްވުމަކަށް، އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ. ޓްރިޕްސް އެއްބަސްވުމަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން، ގައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ހާއްސަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓް އެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި، ޕޭޓަންޓްގެ ވެރިފަރާތުން ލިބޭނެ އިންތިޒާމް ހަމަނުޖެހިއްޖެނަމަ އިތުރު ގޮތެއް ހަމަޖައްސައި ދިނުމަށް މަގު ފަހިކޮށްދޭނެއެވެ.
އެގޮތުން، ބޭސް އުފެއްދުމުގެ ގާބިލްކަން ނެތް ގައުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ގާބިލްކަން ހުރި ގައުމަކުން، ޕޭޓަންޓް ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްގު ނުގެއްލޭނެ ފަދައިން، ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ގައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ކޮށްދެއެވެ.