ކުރިއަށް އޮތް އަހަރު ތ. ބުރުނީ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫއުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަހައްދު ތަރައްގީ ކުރަން ބޭނުންވާ ކަމުގައި ބުރުނީ ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވައިފިއެވެ.

ކޮޅުމަޑުލު އަތޮޅު ބުރުނީ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް ވަނީ ސަރުކާރުން ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާތީ އެކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސް ސޯލިހަށް ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވާފައެވެ.

ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫއުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަހައްދު ތަރައްގީ ކުރަން ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. އަދި 2022 ވަނަ އަހަރު ފެށިގެންދާއިރު ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު ރަށުގެ ސްކޫލަށް ކުރިމަތިވާ ދަތިތަކާއި، ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާ، ރަށުގެ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަމަށާއި، ރަށްކައިރި ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާކަމުގައި ވެސް ބުރުނީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލަރުން ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *