ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހާ މީހުުންގެ އަދަދު 18,000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396,106 މީހަކު ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް 365,177 މީހަކު ޖަހާފައި ވާއިރު، ބޫސްޓަރ ޑޯޒް ޖަހާފައި ވަނީ 18,124 މީހެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހީ 40 މީހެކެވެ. އަދި 131 މީހަކު ދެވަނަ ޑޯޒް ޖަހާފައި ވާއިރު 924 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ބޫސްޓަރ ޑޯޒް ޖަހަނީ ކޮވިޝީލްޑް/ އެސްޓްރަޒެނެކާ، ސިނޮފާރމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނެވެ. މިވަގުތު ބޫސްޓަރ ޑޯޒް ޖަހަން ހުޅުވާލަފައި ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ.

އެޗްޕީއޭއިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، ބޫސްޓަރ ޑޯޒުން ލިބިދޭ ރައްކާތެރިކަން މިހާރު ތަފާސްހިސާބުތަކުން ފެންނަން ފަށައިފިއެވެ. އެގޮތުން މިހާރު ކޮވިޑް ބައްޔަށް ފަރުވާ ކުރަމުންދާ މީހުންގެ ތެރެއިން ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހުން ބަލީގައި ބޮޑުވަރުވާ މިންވަރު ދަށްކަން ފާހަގަކޮށްލެވެއެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ގޮތުގައި ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި އެއާޕޯޓުގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އަންނަ ހަފްތާގައި ކޮވިޑްގެ ބޫސްޓަރ ޑޯޒް ޖަހަން ފަށާނެއެވެ. އަދި ހުރިހާ ރައްޔިތުންނަށް ބޫސްޓަރ ޑޯޒް ޖެހުން އަންނަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *