މީހުން ބްލެކްމެއިލްކޮށް ފައިސާ ފޭރިގަންނ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ނުކުރަތީ ފުލުހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ނުކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ވިކްޓިމައިޒްވާ ފަރާތްތަކުގެ ބަރަހާނާ ފޮޓޯ ނުވަތަ ވީޑިއޯ ތުހުމަތު ކުރެވޭ ފަރާތުގެ އަތުގައި ހުރުމުން ކަމަށެވެ.
ހަމައެއާއެކު ވިކްޓިމްވާ ފަރާތްތައް ފޭރޭ ތަންތަނަށް ދަނީ މުޅިން އެހެން މަގުސަދެއްގައި ކަމަށް ވާތީ ފުލުހުންނަށް އެކަމުގެ މައުލޫމާތު ދޭން ފަސް ޖެހޭ ކަން ގަބޫލު ކުރެވޭ ކަމަސް ޝިފާއު ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކުރާއިރު، އަސްލު ކަން ހިނގާދިޔަ ގޮތް ތަހުގީގަށް ކިޔައިދިނުމުގެ ބަދަލުގައި މުޅިން އެހެން ގޮތަކަށް ބަދަލުކޮށްގެން ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ތަހުގީގަށް ހިއްސާ ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޝިފާއު އިތުރަށް ވިދާޅުވީ ޖިންސީ ނިޔަތެއް އޮވެގެން ތަންތަނަށް ގޮސް، ފޭރުމުގެ ޝިކާރައަކަށް ވުމުގެ އިތުރުން، ވައްކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ގަދަކަމުން ހިފަހައްޓާ އަނިޔާ ކޮށްފައިވާ މައްސަލަތައް ވެސް ފާހަގަ ކުރެވޭ ކަމަށެވެ. އޭނާ ވަނީ މިފަދަ ކަންކަން ދިމާވުމުން އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ފުލުހުންނަށް ހުށަހަޅާ ތަހުގީގުކޮށްފައިވާ ބައެއް މައްސަލަތަކުގެ ތަފްސީލު ހާމަކޮށްފައެވެ.