37 އަހަރުގެ ޚިދުމަތަށް ފަހު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

އޭނާ ރިޓަޔަރ ކުރެއްވީ މިއަދު ބަންޑާރަކޮށީގައި ބޭއްވި މި  ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީއެވެ. ޒަކަރިއްޔާ މަންސޫރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޭނާއަށް ސިޓީއެއް ފޮނުއްވާފައެވެ.

ރިޓަޔަރ ކުރެއްވުމާއެކު އޭނާއަށް ވަނީ މެޑަލް ބޯޑަކާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލުގެ ސިޓީއާއި އަދި ފޮޓޯ ބޯޑުގެ އިތުރުން ރިޓަޔަރމަންޓްގެ ރަމްޒީ ކާރޑް ހަވާލުކޮށްފައެވެ.

ޒަކަރިއްޔާ މަންސޫރު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 1984 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހުއެވެ.  މިވީ ދިގު މުއްދަތުގައި އޭނާ ވަނީ ސިފައިންގެ ތަފާތު އެކި ދާއިރާތަކުގައި އަގުހުރި އިސް ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަސްކަރިއްޔާގައި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގައެވެ.

ކޯސްޓްގާޑުގައި ފުރުއްވި މަގާމުތަކުގެ ތެރޭގައި ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ އިތުރުން ކޯސްޓްގާޑުގެ ކޮމަޑާންޓްގެ މަގާމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެގޮތުން ކޯސްޓްގާޑުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ކުރިއެރުވުމުގައި ޒަކަރިއްޔާ ވަނީ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ކޯސްޓްގާޑްގައި ފުރުއްވި މަގާމުތަކުގެ އިތުރުން ސިފައިންގެ އެކިއެކި ދާއިރާތަކުގައި އޭނާ ފުރުއްވި އެހެނިހެން މަގާމުތަކުގެ ތެރޭގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ސިފައިންގެ އެކުވެރި ކުންފުނި އަދި ސިފައިންގެ ކޯޕަރޭޓިވްގެ މެނޭޖުމަންޓް ކޮމިޓީގެ ޗެއަރމަންކަމާއި، ޓްރެއިނިންގެ އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަމާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރުކަމާއި އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަންކަން ހިމެނެއެވެ.

ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވި އިރު ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހުންނެވީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ސިފައިންގެ ޚިދުމަތުގައި ދިވެހި އަސްކަރިއްޔާގައި ކޮށްދެއްވާފައިވާ ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތަކާއި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 11 ކުލަ ވަނީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ލިބިލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *