އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަގުތީ އަމުރެއް ނެރެދޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެދިއްޖެއެވެ.
އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓަރީ ބާޠިލް ކޮށްފައިވާކަން އަންގާ މާލެ ސިޓީ ކައުންސިލުން އެކޯޕަރޭޝަނަށް ވަނީ ސިޓީއަކުން އަންގާފައިކަމަށެވެ. އެހެންނަމަވެސް މި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޚައްޤާއި، ބިމާއި ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް ނިންމަވާފައިވާ ނިއްމެވުމެއްކަމަށް އެކޯޕަރޭޝަނުން ދެކޭކަމަށެވެ.
އެހެންކަމުން އެކަން ބައްލަވާދެއްވާ މި ނިންމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއްކަމަށް ކަނޑައަޅައި ދެއްވައި، އެނިންމުން
ބާޠިލުކޮށްދެއްވައި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް ސިވިލް ކޯޓަށް މިއަދު އެ ކޯޕަރޭޝަންގެ ފަރާތުން ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.
އެޗްޑީސީން ބުނީ، މި ދަނޑިވަޅުގައި މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމުގެ ސަބަބުން އެޗް.ޑީ.ސީއިންވެފައިވާ މަދަނީ އެއްބަސްވުންތަކާއި، ލޯނު އެއްބަސްވުންތަކާއި އެޗް.ޑީ.ސީއިން ހިލާފުވެ، "ކްރޮސް-ޑިފޯލްޓް" ހާލަތަކަށް ދިއުމުގެ ބޮޑު އިހުތިމާލެއް އޮތުމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެޗް.ޑީ.ސީ އާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތަށް އެއްފަހަރާ ޑިފޯލްޓްވުމުގެ އިހުތިމާލު އޮތުމުން މި މައްސަލައަށް
ގޮތެއް ކަނޑައެޅުމުގެ ކުރިން މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެ ކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު އެ ކޯޕަރޭޝަނުގެ ފަރާތުން ވަނީ ހުށަހަޅާފައިކަމަށެވެ.