އިދިކޮޅު ޕީޕީއެމް ޕީއެންސީން އިންތިޒާމުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމި "ކޮތަރު ކޮށި" ޖަލްސާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ޕީޕީއެމުން ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅުއްވާ އަދި ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ހުޅުމާލޭގައި ބާއްވަން އުޅުނު ކޮތަރުކޮށި ޖަލްސާ ހުޅުމާލޭގައި ނުބޭއްވުނީ ސަރުކާރުން ހުރަސް އެޅުމުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން، މި ޖަލްސާ މިހާރު މާލޭގެ، ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމާފައިވާ ކަމަށް ޕީޕީއެމުން ބުނެއެވެ.
އިދިކޮޅުގެ ޖަލްސާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅުނީ އެޗްޑީސީގެ ހުއްދައާ ނުލައެވެ. އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ޕީޕީއެމް، ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމުގައެވެ.
އެހެން ނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުން ވެސް އަމަލު ކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން މިހެން ބުނެފައި ވަނިކޮށް، އިދިކޮޅުން ވަނީ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ފަށާފައެވެ. ނަމަވެސް އެޗްޑީސީއާ ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.
އިދިކޮޅު ކޮތަރުކޮށި ޖަލްސާ ބާއްވަން ރާވާފައި ހުކުރު ދުވަހުގެ ރެއެވެ.