އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ ކޮރަޕްޝަންގެ އެކި މައްސަލަތައް ބަލައި، އެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
2008 ވަނަ އަހަރު ވުޖޫދު ކުރެވުނު މި ކޮމިޝަނަށް އެތައް އަހަރެއް ވެގެންދިޔައިރު، މިއަދާހަމަޔަށް ވެސް ރައްޔިތުންގެ އިތުބާރު ހޯދިފައެއް ނުވެއެވެ. ޚާއްސަކޮށް، ކުރީ ސަރުކާރުގައި އޭސީސީގެ ނަން ކިލަނބުވެ އެތައް ރައްޔިތުންނެއްގެ ކުރިމަތީގައި ކޮމިޝަނުގެ އަގު ވެއްޓިގެންދިޔައެވެ. އެހެންނަމަވެސް، އައު ސަރުކާރަކާއި އެކު ރައްޔިތުން އުއްމީދުކުރީ އެ މުއައްސަސާ އިސްލާހު ވެގެންދާނެ ކަމަށެވެ.
މި ސަރުކާރުން އޭސީސީއަށް 5 މެމްބަރަކު އައްޔަނުކުރިއެވެ. އެއީ، މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާ, އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ.
އެހެންނަމަވެސް، އައު ކޮމިޝަނަރުންނާއި އެކު ވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބުނުތަން ފެނިގެނެއް ނުދިޔައެވެ. އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ މެމްބަރުން އައްޔަނުކުރި ފަހުން ވެސް އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ބާރުމިނުގައި ކުރިއަކަށް ނުދެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އަދިވެސް އޭސީސީގައި ތިއްބެވީ ނާގާބިލު ކޮމިޝަނަރުންނެވެ.
ވެންޓިލޭޓަރުގެ މައްސަލަ
ކޮވިޑް-19ގެ ދަތިހާލުގައި ގައުމު އޮއްވާ، ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ މައްސަލައަށް އެކަނި ބަލާލި ނަމަވެސް، މިކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
ވެންޓިލޭޓަރު މައްސަލަ ތަހުގީގުކުރުމަށްފަހު އެ މައްސަލައިގައި ހިމެނޭ 11 މީހެއްގެ މައްޗަށް ދައުވާކުރަން އެންމެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ވެންޓިލޭޓަރު މައްސަލަ ޕީޖީ އޮފީހަށް ފޮނުވިތާ ހަފްތާއެއްވެސް ނުވަނީސް، އޭސީސީގެ ތަހުގީގުން އެއްވެސް މީހަކަށް ޖިނާއީ ދައުވާއެއްކޮށް، ސާބިތުކުރެވޭވަރުގެ ހެއްކެއް ނެތް ކަމަށް ވިދާޅުވެ، ޕީޖީ ހުސެއިން ޝަމީމް އެ މައްސަލަ އަނބުރާ ކޮމިޝަނަށް ފޮނުވާލެއްވީއެވެ.
ކޮމިޝަންގެ ތަހުގީގުތަކުގެ ފެންވަރު ދަށްކަމުގެ ވާހަކަތައް އަނެއްކާވެސް ދެކެވެން ފެށީ މިހާ ހިސާބުންނެވެ. އެތައް ބައެއްގެ ފާޑުކިއުން އަމާޒުވި އޭސީސީން މިކަމަށް ދިން ރައްދަކަށްވީ ދައުވާ ކުރަން ފޮނުވީ އެކަށިގެންވާ މިންވަރަށް ހެކި ހުރުމުން ކަމަށެވެ. އެހެންނަމަވެސް މިކަން ގަބޫލުކުރާނީ ކިހިނަކުންތޯއެވެ؟
ޕީޖީން އެ މައްސަލަ އޭސީސީއަށް ފޮނުވާލި ފަހުން ދެ ފަހަރެއްގެ މަތިން ތަހުގީގުގެ ކަންކަން އިސްލާހު ކުރުމަށް އެ ކޮމިޝަނަށް އަނބުރާ ފޮނުވާލެވުނެވެ. އަބަދުވެސް ކޮންމެވެސް ކަމެއް އިސްލާހު ކުރަން އެންގުމަށްފަހުއެވެ. މި އިސްލާހުތަކަށް ނިމުމެއް ނާންނަ ކަހަލައެވެ.
އެންމެ ފަހުން މި މައްސަލައިގައި ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް އަނެއްކާވެސް އޭގައި އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން އެ މައްސަލަ ތިން ވަނަ ފަހަރަށް އޭސީސީއަށް ވަނީ ފޮނުވާލާފައެވެ.

ޖަޒީރާ ގްރެފިކްސް: އިބްރާހިމް އިފާޒް
ތަހުގީގުތަކުގެ ސްލޯކަން
މިކަން ފާހަގަކޮށްލެވެނީ ވެންޓިލޭޓަރު މައްސަލައިގައި އެކަންޏެއް ނޫނެވެ. ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ މިންވަރު ސްލޯކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގަބޫލުކުރައްވައެވެ. މިފަދަ ބޮޑެތި މައްސަލަތަކުގެ ތަހުގީގު ނިންމާ ދައުވާ ކުރަން ފޮނުވާ މައްސަލަތައް މަދުވުމާއި، ތަހުގީގުތަކުގެ ފެންވަރު ދަށްވުމަކީ މިއަދު އެއްވެސް ބަޔަކަށް ބަލައިގަނެވޭ ކަމެއް ނޫނެވެ.
ނަތީޖާއަކަށް ވެގެންދިޔައީ އެ މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ކަމަށް މަޖިލީހުގެ ކޮމިޓީއަށް ގަބޫލުކުރެވުމެވެ. މި މައްސަލައިގައި އެތައް ފަހަރެއްގެ މަތިން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ކޮމިޝަނަރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވުނެވެ. އަބަދުވެސް ޖަވާބަކަށް ވަނީ ބަޖެޓުގެ ދަތިކަން ހުރުމެވެ. އެހެންނަމަވެސް މި މައްސަލަތައް ހައްލުކުރަން ކޮމިޝަނަށް މަސައްކަތް ކުރެވިފައިނުވާކަން މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮމިޓީ ބައްދަލުވުމުން ހާމަވެގެންދިޔައެވެ.
މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމުން
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޮޑިޓް އޮފީހުން ވަނީ އޭސީސީގެ ޕަރފޯމެންސް އޮޑިޓެއް ހުށަހަޅާފައެވެ. އަދި އެ އޮޑިޓުން ފާހަގަކުރެވުނު ކަންކަމުގެ ސަބަބުން ކޮމިޓީ މެމްބަރުން ނިންމެވީ އެ ކޮމިޝަނަރުން މަގާމުން ވަކިކުރުމަށެވެ.
ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެވުނުތާ ދެ އަހަރުވެގެން ދިޔައިރު ވެސް، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މައްސަލަތަކުގައި މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އިންސާފު ނުލިބި ލަސްވާ ކޮންމެ ދުވަހަކީ އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިގެންދާ ދުވަހެކެވެ. ބޮޑެތި މުސާރައާއި އެކު މަގާމުތަކަށް އައްޔަނުކުރަނީ ވަރަށް ގިނަ އުއްމީދުތަކާއި އެކުއެވެ. ތަފާތު ދައްކާނެ ކަމުގެ ހުވަފެންތަކާއި އެކުއެވެ. އެހެންނަމަވެސް، މި ކޮމިޝަނަކަށް އެ ބަދަލެއް ނުދެއްކުނެވެ.