ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު " މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020"  ލޯންޗްކޮށްފިއެވެ.

މި ސްޓަޑީ ލޯންޗް ކޮށްފައިވަނީ، މިއަހަރުގެ ބައިނަލްއަގްވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން ބޭއްވި ހަފްލާއެއްގެ ތެރެއިންނެވެ.

"މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020" ނެރެދެއްވީ، ހަފްލާގެ ޝަރަފްވެރި މެހެމާން، އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް ޝިރުމީނާ ޙުސައިން އެވެ. ސްޓަޑީ ނެރެދެއްވުމަށްފަހު، ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަގައި، މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީ 2020"އިން ފާހަގަކުރެވުނު ކަންކަމާއި އަދި ރަނގަޅުކުރުމަށް ހުށައަޅާފައިވާ ހުށަހެޅުންތައް ބަލަގަނެ އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.

މި ހަފްލާގައި ހަފްލާގައި ވާހަކަދައްކަވަމުން، ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ އާސިޔަތު ރިލްވީނާ ވިދާޅުވީ ވަކި ވަކި ފަރުދުން ފެށިގެން، ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، މަދަނީ ޖަމިއްޔާތަކާއި، މީޑިއާ އަދި ތައުލީމީ އިދާރާތައް ހިމެނޭހެން، ކޮރަޕްޝަންއާ ދެކޮޅަށް ތެދުވެ މަސައްކަތްކުރުމަކީ މުކަމެއްކަމުގައެވެ.

މި ސްޓަޑީގެ ހޯދުންތަކުން ދިވެހިރާއްޖޭގެ ޕަބްލިކް ޕްރޮކިއުމެންޓް ނިޒާމު އޮތްގޮތް ރަނގަޅަށް ދެނެގަނެވި، ނިޒާމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށް، ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ރިލްވީނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕަބްލިކް ޕްރޮކިއުމެންޓް ސިސްޓަމް ސްޓަޑީއެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ޕްރޮކިއުމެންޓްއަކީ ގިނަ އަދަދެއްގެ ފައިސާ ދައުރުވާ، ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ހިދުމަތް ދިނުމަށް ބޭނުންވާ މުދަލާއި އެހެނިހެން މަސައްކަތްތައް ހޯދުމަށް ބޭނުންކުރާ ނިޒާމަކަށް ވުމުން، ޕަބްލިކް ޕްރޮކިއުމެންޓް ނިޒާމަކީ ކޮރަޕްޝަން ނަންތާލެވިފައިވާ ނިޒާމެއްކަން ކަށަވަރުކުރުމަކީ މުހިއްމުކަމަކަށް ވާތީކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެއެވެ.

ހަމައެކަނި 2019 ވަނަ އަހަރަށް ބެލިކަމުގައި ވީނަމަވެސް އެ އަހަރު ބަޖެޓު ކުރި މިންވަރަށް ވުރެ 2.9 ބިލިއަން ރުފިޔާ ވަނީ އިތުރަށް ހަރަދުކޮށްފައެވެ. ބޮޑު ފިސްކަލް ޑެފިސިޓެއްގައި ރާއްޖެ އޮތުމާއިއެކު ދަރަނި އިތުރުވަމުންދާއިރު ހަރުދަނާ ޕްރޮކިއުމަންޓް ސިސްޓަމެއް އޮތުމަކީ މުހިންމުކަމެއްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

ޕްރޮކިއުމަންޓް ނިޒާމު ބަލިކަށި ވުމަކީ ކޮރަޕްޝަންގެ ނުފޫޒު އެއަށް ފޯރުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދާކަމެއްކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ އެންމެ އާންމުގޮތް ކަމަށްވެފައިމިވަނީ ޕްރޮކިއުމަންޓުގެ ތެރެއިން ކަމުގައެވެ.

މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ބަލާލައިފައިވާ ކަންކަމަކީ، ޕަބްލިކް ޕްރޮކިއުމެންޓަކީ ކޮބައިކަމާއި، ދިވެހިރާއްޖޭގައި ޕަބްލިކް ޕްރޮކިއުމަންޓް ހިންގަމުން އަންނަ ގޮތުގެ އިތުރުން  ޕްބްލިކް ޕްރްކިއުމަންޓަށް އައިސްފައިވާ ބަދަލުތަކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *