ރައްޔިތުން މަގާމުތަކަށް އިންތިޚާބުކުރާ ފަރާތްތަކުން ކަންކުރަންޖެހޭނީ، އެ ރައްޔިތުންނަށް އެންމެ ފައިދާއާއި ލާބަ އޮތް ގޮތަކަށް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް، އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެެއެވެ.
އޭނާ މިހެން ވިދާޅުވީ އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި އަނަސް ވިދާޅުވީ ހުޅުމާލެ އަކީ މާލެ ސިޓީ ކައުންސިލުން ބަލަހައްޓަންޖެހޭ ތަނެއް ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެ ފަރާތުން ކަންކުރަން ޖެހޭނީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކަށް ކަމަށާއި، އެ ނިންމުން ނިންމަންވީ ތަމްސީލުކުރާ ޕާޓީއަށް އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުލިބިގެން ނޫން ކަމަށެވެ.
އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމީ މާލޭ ސިޓީ ކައުންސިލްގެ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ އިދިކޮޅު ޕާޓީ، ޕީޕީއެމް ތަމްސީލުކުރައްވާ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
މިގޮތަށް ސިޓީ ކައުންސިލުން ނިންމިއިރު، ރޭ ހުޅުމާލެ ފޭސް 2 ގައި އިދިކޮޅުން ބާއްވަން އުޅުނު 'ކޮތަރު ކޮށި' ޖަލްސާ ބޭއްވުމުގެ ހުއްދަ، އެޗްޑީސީން ދީފައެއް ނުވެއެވެ. އެހެންނަމަވެސް، އިދިކޮޅަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.