ވަޒީރުކަމުގައި ހުންނެވި އިރު ބިންތަކާއި ޕްރޮޖެކްޓްތައް ހިތުހުރިގޮތަކަށް ހިންގުމަށްފަހު އަނެއްކާވެސް ބާރެއް ލިބުމުން ގާނޫނާއި ހިލާފުވަމުންދާ ކަމަށް ތުހުމަތުކުރައްވާ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެއްޖެއެވެ.
އަކްރަމް ކަމާލުއްދީން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ މާލޭ ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ފާސްކޮށްފައިވާ ވަގުތެއްގައެވެ.
Vazeeru kamugai hure binthakaa project thah hithuhuri gothakah hingumahfahu aneyhkaa baareyh libunee kamah hithaa Qanoon aai qawaidhu thakah khilaafu vamun eygendhanee, varah avahah insaaf araa eynaa aai hamakuraane
— Akram Kamaludeen (@Akramkdeen) December 8, 2021
އަކްރަމް ވިދާޅުވީ ވަޒީރުކަމުގައި ހުންނެވި އިރު ބިންތަކާއި ޕްރޮޖެކްޓްތައް ހިތުހުރިގޮތަކަށް ހިންގުމަށްފަހު އަނެއްކާވެސް ބާރެއް ލިބުމުން ގާނޫނާއި ގަވައިދުތަކާ ހިލާފުވަމުންދާ ކަމަށާ، ވަރަށް ވަހަށް އިންސާފުއަރާ ހަމަކުރާނެ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭ ފޭސް ދޭއްގައި އެޗްޑީސީގެ ހުއްދަ ނެގުމަކާ ނުލާ ހުކުރުދުވަހުގެ ރޭ "ކޮތަރުކޮށި" ނަމުގައި ޖަލްސާއެއް ބާއްވަން ނިންމުމުން އެޗްޑީސީން ވަނީ ހުއްދަނުނަގާ ހުޅުމާލޭގެ އެއްވެސް ތަނެއްގައި ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް ބުނެފައެވެ.
މިއާއެކު މާލޭ ސިޓީ ކައުންސިލުން ވަނީ އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް، އެ ކައުންސިލްގެ މި ދައުރުގެ 30 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ނިންމާފައެވެ.
ސިޓި ކައުންސިލްގެ މިނިންމުމާއެކު އެޗްޑީސީން ނުރުހުންފާޅުކޮށް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބު ނިންމުމެއްކަމަށް ބުނެފައެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ ބިމަކީ އެކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްކަމަށެވެ. އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝަޚުސެއްކަންވެސް އެކޯޕަޜޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ކުއްވެރިކޮށް، މީގެ ސަބަބުން އެ ކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.