އެގްރީމެންޓް ބާތިލުކޮށް މާލޭ ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ސީޓި ކައުންސިލުން ނިންމި ނިންމުމަކީ ވަރަށް ނާތަހުޒީބު ނިންމުމެއްކަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދާފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި 12 ކައުންސިލަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. ރެޖިސްޓްރީ ބާތިިލް ކުރަން ހުށަހެޅީ ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝެވެ.
މިކަމާއި ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ބިމަކީ އެކޯޕަރޭޝަނުގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްކަމަށެވެ. އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝައްސެއްކަންވެސް އެކޯޕަޜޭޝަނުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ
ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ޤާނޫނާއި ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމުގައި އެކޯޕަރޭޝަނުން ދެކޭކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާއި ވަޞީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި މިކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ.
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުންކަންވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. އަދި، ހަމަ މިޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާކަން
އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަންކަމަށާއި، ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށްކަންވެސް ފާހަގަކޮށްފައިވެއެވެ.
ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން އެޗްޑީސީއަށް ލިބިފައިވާ އެންމެހައި ހައްޤުތަށް
އެކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުން ކުއްވެރިކުރާކަމަށްވެސް ބަޔާނުގައި ވެއެވެ. އަދި، މިކަމުގެ ސަބަބުން އެކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެކަމަށްވެސް ވަނީ ބުނެފައެވެ.