މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ:

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާޅޭ ދެވަނަ ފިޔަވަހީގައި ބާއްވަން އުޅޭ ޖަލްސާއަށް ފުލުހުން ހުރަސްއަޅާމުންދާތީ، ފުލުހުން ޖަވާބުދާރީ ކުރުވާނެކަމުގެ އިންޒާރު، މާލޭ ސީޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ 08:30 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފްލެޓްތައް ހުންނަ ސަރަހައްދުގައި އޮންނަ ހިޔާ ޕާކުގައި އިދިކޮޅުން "ކޮތަރު ކޮށި" ނަމުގައި ޖަލްސާއެއް ބާއްވާނެކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މިއީ ރައީސް އަބްދުﷲ ޔާމީން ހުޅުމާލެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ  ޖަލްސާއެއްކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.

މިކަން އިއުލާން ކުރުމާއެކު އެޗްޑީސީން ވަނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު، އެ ކޯޕަރޭޝަނުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިންކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.  އަދި މި ހުއްދައަށް އެ ކޯލިޝަނުން އެދިފައި ނުވާކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ދަށައް ހުޅުމާލެ ގެންނަން ފާސްކޮށްފައެވެ. މިގޮތަށް ފާސްކޮށް އިދިކޮޅު ކޯލިޝަނަށް ޖަލްސާ ބޭއްވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

އެހެންނަމަވެސް އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމާފައިވާ ޖަލްސާއަށް ތައްޔާރުވުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އެޗްޑީސީއާއި ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.

މިކަމާއި ގުޅިގެން ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި އޮންނަ ސަރަޙައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުންދާތީ، އެކަމުގައިފުލުހުން ޤާނޫނީގޮތުން ޖަވާބުދާރީކުރުވާނެކަމަށެވެ. 

އެޗްޑީސީން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޕީ.ޕީ.އެމް، ޕީ.އެން.ސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމުގައެވެ.

އެހެންނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެންފަރާތްތަކުންވެސް އަމަލު ކުރާ އުސޫލުގެތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *