ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް
އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިބުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި ޓުއަރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަޠީބުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވަނީ، މި ޕްރޮގްރާމް ޑިޒައިންކޮށް، ކުރު މުއްދަތެއްގެ ތެރޭގައި މިކަން ފުރިހަމައަށް އިންތިޒާމް ކޮށްދެއްވިކަަމަށްޓަކައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަށާއި، މިނިސްޓްރީގެ ޓީމަށް  ޝުކުރު އަދާކުރައްވާފައެވެ.
  އިމާމުންނާއި ޚަތީބުން ރިސޯޓުތަކުގައިވެސް ތިބުމަކީ ވަރަށް މުޙިއްމުކަމެއްކަމުގައި ފާހަގަކުރައްވާ، ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގާ، ރިސޯޓުތަކުގެ އިމާމުންނަށް މި ދާއިރާއިން އިތުރަށް ތަޢުލީމާއި ތަމްރީނު ޙާސިލުކުރުމަށް މަގުފަަހިކޮށްދެއްވާނެކަމުގައި އުންމީދުކުރައްވާކަމުގައި މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
 މި ތަމްރީނު ޕްރޮގްރާމްގައި ސަނަދު ޙާސިލު ކުރެއްވި ބޭފުޅުންނާއި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިގޮތުގައި، މިޕްރޮގްރާމަކީ، މިނިސްޓަރ އޮފް ޓުއަރިޒަމް ޑރ.ޢަބްދުﷲ މައުސޫމްގެ އެދިވަޑައިގަތުމުގެ މަތިން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. އެހެންކަމުން ޑރ.ޢަބްދުﷲ މައުސޫމް މިކަމަށް ދެއްވި އިސްކަން ފާހަގަކުރައްވާ އެ ބޭފުޅާއަށް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވިގޮތުގައި، ޢިލްމުވެރިންގެ ބުރަ މަސައްކަތުން މި ޕްރޮގްރާމްގައި އުނގަންނަވައިދެއްވި ޢިލްމާއި، ދެއްވި ތަމްރީނުތަކުގެ ފުރިހަމައަށް ބޭނުން ހިފުމަކީ ހަޤީޤީ ކާމިޔާބެވެ.  އަދި މިފަދަ އިތުރު ޕްރޮގްރާމްތައް މިނިސްޓްރީ އޮފް ޓޫރިޒަމް އިން އެދިެއްޖެނަމަ ކުރިޔަށް ގެންދިއުމަށް ތައްޔާރަށް ހުންނެވިކަމަށްވެސް ވިދާޅުވިއެވެ.
ރިސޯޓުތަކުގެ މިސްކިތްތަކަށް ޚަތީބުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓރީ އޮފް އިސްލާމިކު އެފެއާޒުން ގުޅިގެން 01 ޑިސެމްބަރ 2020 އިން 2021 ނޮވެންބަރ 10 ހިންގި މި ޕްރޮގްރާމަކީ 09 ބެޗަކަށް ބަހާލައިގެން ހިންގި ޕްރޮގްރާމެކެވެ. ކޮންމެ ބެޗަކަށްވެސް ކިޔަވައިދެއްވީ 01 މަސް ދުވަހަށެވެ. މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ ޖުމްލަ 207 ބައިވެރިންނެވެ.މީގެ ތެރެއިން ޕްރޮގްރާމް ފުރިހަމަކުރެއްވީ 109 ބައިވެރިންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮގްރާމްއިން ފާސްވި 87 ދަރިވަރަށް ވަނީ ސަނަދު ޙަވާލުކުރައްވާފައެވެ. އަދި ސަނަދު ޙާސިލްނުވާ ދަރިވަރުންނަށް 2022 ވަނަ އަހަރުގެ ޖަނަވަރީމަހުގައި އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޑރ.އަޙްމަދު ޒާހިރު ޢަލީ ވަނީ ވިދާޅުވެފައެވެ.
ކައިރި ރަށްރަށުން އިމާމުންނާއި ޚަތީބުން ރިސޯޓުތަކަށް ގެނައުމުގައި ދިމާވާ ދަތިތަށް ޙައްލުކޮށް ރިސޯޓުތަކުގައި އިމާމުންނާއި ޚަތީބުން ތަމްރީނުކުރުން މައިގަނޑު މަޤްޞަދެއްކަމުގައި ނިންމައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޚުޠުބާ ކިޔާނެ ގޮތް ،ތިލާވާ، ނަމާދުގެ ފިޤުޙު އަދި ބަންގި ގޮވާނެ ގޮތުގެ ތަމްރީނުތައް ވަނީ ދީފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *