މޫދު ކުޅިވަރަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށް، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން (އެޗްޑީސީ) ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.
ސްކޫލް މިޑް ޓާމް ބަންދާއި ދިމާކޮށް ބާއްވާ "މައި ހުޅުމާލެ ވޯޓާ ސްޕޯޓްސް ކޭމްޕް 2021" ގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިފަދަ ކޭމްޕެއް ބޭއްވުމުގެ މަގްސަދެއްގެ ގޮތުގައި އެޗްޑީސީން ބުނީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކުދިންނަށް "ސްޓޭންޑް އަޕް ޕެޑަލް ބޯޑު" ދަސްކޮށްދިނުން ކަމަށެވެ.
މި ކޭމްޕް ކުރިއަށް ދާނީ 13 އަހަރާއި 19 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން ފުރަތަމަ ފޯމް ހުށަހަޅާ 50 ފިރިހެން އަދި 50 އަންހެން ކުދިންނާއި އެކު ޖުމްލަ 100 ކުދިން ހިމަނައިގެންނެވެ.
19 ޑިސެމްބަރ އިން 25 ޑިސެމްބަރ އަށް ބާއްވާ މި ކޭމްޕްގައި 1 ދުވަހުގެ މުބާރާތެއް ބާއްވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
.
މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު 14 ޑިސެމްބަރުގެ 14:00 އާއި ހަމަޔަށް ހުޅުވާލާފައިވާއިރު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ތިރީގައިވާ ގޫގްލް ލިންކެއް މެދުވެރިކޮށެވެ.