ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ކަނޑުތަކުގެ ސައިންސް ކުރިއަރުވައި، ސައިންސް-ޕޮލިސީ އިންޓަރފޭސް ހަރުދަނާކުރުމަކީ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ވަރަށް މުހިންމު ކަމެއްކަމުގައި އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ، ކަނޑުތަކާ، ކަނޑުތަކުގެ ޤާނޫނާ ބެހޭ ގޮތުން އދގެ އާއްމު މަޖިލީހުގައި ކުރިއަށްދިޔަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ،  ދުނިޔޭގެ 70 އިންސައްތައަށްވުރެ ބޮޑުބަޔަކީ ކަނޑުތައް ކަމުގައިވާއިރު، ހީވެސް ނުކުރާފަދަ ބަޔޯޑައިވަރސިޓީއާއި ދިރުންތަކާއި ވަސީލަތްތަކެއް އެތައް ބިލިއަން އިންސާނުންނަށާއި ދިރޭތަކެއްޗަށް ފޯރުވައިދޭ ކަނޑުތަކަކީ ދުނިޔޭގެ އޮކްސިޖަންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައިން އުފައްދާ އަދި ޖައްވުގެ 50 ގުނަ އިތުރަށް ކާބަންޑައިއޮކްސައިޑް އެބްޒޯބް ވެސް ކުރާ ތަނެއްކަމަށެވެ.
ދުނިޔެއާއި، ދަރިފަސްކޮޅުގެ ދެމިއޮތުމަށްޓަކައި ކަނޑުގެ ބޭނުންތެރިކަން ކިތަންމެ ބޮޑު ކަމުގައިވީނަމަވެސް، ކަނޑުތައް ނުރައްކަލަށް ހުށަހެޅޭ މިންވަރު ދަނީ އިތުރުވަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުތައް ތަޣައްޔަރުވުމާއި، ދިރޭތަކެތީގެ ނަސްލު ނައްތާލުމާއި، އިންވޭސިވް ސްޕީޝީޒްއާއި، ގަވާއިދާ ޚިލާފަށް ރިޕޯޓްނުކޮށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ވަރަށް ބޮޑުތަން އިތުރުވެގެން ދިޔުން އެއީ ކަނޑުތަކަށް އެންމެ ނުރައްކާކުރާ ކަންކަންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މާކިއުރީއާއި ޕްލާސްޓިކް ކުންޏާއި ކެމިކަލްއާއި ޕެޓްރޯލިއަމް ވޭސްޓްގެ އިތުރުން އެގްރިކަލްޗަރަލް ރަނޯފް އަދި ގެއްލުންދެނިވި ދިރުންތައް ދަނީ ކަނޑުތައް ތަޣައްޔަރުކުރަމުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މި ވިހަ މާއްދާތަކަށް އިންސާނުން ހުށަހެޅޭ ހިސާބަކީ، އިންސާނުން މިތަކެތިން ތަޣައްޔަރުވެފައިވާ ކަނޑުމަސް ކެއުންކަމަށެވެ.
ކުދި ޖަޒީރާ ރަށްތަކެއް، ނުވަތަ ބޮޑެތި ކަނޑުގެ ޤައުމުތަކަށް (ލާޖް އޯޝަން ސްޓޭޓްސް) މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަކީ ވަރަށް ކަންބޮޑުވާ ކަންތައްތަކެއް.
މިކަމުގެ އަސަރު  ކުރަނީ ހަމައެކަނި އިންސާނުންނަށް ނޫން. ކަނޑުގެ ދިރުންތައް ނެތިދިއުމުގެ ތުންފަތްމަތީގައި ވާއިރު، ކަނޑުތައް  ދަނީ ވަރަށް ބޮޑަށް ހޫނުވަމުން.
މި މައްސަލަތަކާއި ނުރައްކާތަކަކީ އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަން. އެހެންނަމަވެސް ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް އަޅުގަނޑުމެން އަދިވެސް މިތިބީ އެކަހެރިވެގެން ނުވަތަ ލަސްކޮށްލައިގެން.
މިނިސްޓަރ ވިދާޅުވީ، ކަނޑުގެ ބޭނުންތަކަށް އިޖާބަދީ މަލްޓިލޭޓަރަލް ވަސީލަތެއްގެ ތެރެއިން މިކަންކަން ހައްލުކުރުން ނޫން ގޮތެއް ނެތްކަމަށެވެ.  މަލްޓިލޭޓަރަލިޒަމް ގެ އެހީތެރިކަމާއެކު ކަނޑުގެ ޤާނޫނާ ބެހޭ އޮނިގަނޑެއް ވަރަށް ފުޅާ ދާއިރާއެއްގައި ތަރައްޤީކޮށް ބަލައިގަނެފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ކަނޑުތަކުގެ ސައިންސް ކުރިއަރުވައި، ސައިންސް-ޕޮލިސީ އިންޓަރފޭސް ހަރުދަނާކުރުމަކީ، ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލަ ހައްލުކުރުމަށް ސަރަޙައްދީ، އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރަން ޖެހޭކަމަށެވެ.
މިއާއެކު ސައިންޓިފިކް، ޓެކްނިކަލް އަދި ޓެކްނޮލޮޖިކަލް ރެސްޕޮންސްތައް ކުރިއެރުވުމަށާއި، އަންދާޒާކުރުމާއި އިންޒާރުދިނުމުގެ ނިޒާމުތައް އެކުލަވާލުމާއި، ފުދުންތެރިކަން އިތުރުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ އިތުރުކުރުމާއި، ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ބަދަލުކުރަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *