ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން ދެވަނަ ފަހަރަށް އަނބުރާ ފޮނުވާލައިފިއެވެ.

އޭސީސީން އެ މައްސަލަ ޕީޖީ އޮފީހަށް ދެވަނަ ފަހަރަށް ފޮނުވީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އަނެއްކާ ވެސް، އިޞްލާޙް ކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

މި މައްސަލަ ނޮވެމްބަރު މަހު ހުށަހެޅި އިރު، މިމައްސަލާގައި ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އެގޮތުން ދައުވާ ކުރުމަށް ފޮނުވީ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، ކަމަށް އެސީސީން ބުނެއެވެ.

14 އޮކްޓޫބަރު 2020 ގައި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އޭސީސީން ބުނީ މި މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބަލާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކޮށްފައިވާ މަސައްކަތުން އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ މި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުވަތަ އެފަދަ ފަރާތަކާ ގުޅުންހުރި ފަރާތަކަށް، މި މައްސަލައާ ގުޅުންހުރި އެއްވެސް ފައިސާއެއް ލިބިފައިވޭތޯ ބެލުމަށް އަދިވެސް އިތުރަށް ބަލައި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއްގެ ތަހުގީގު ވަކިން ކުރިއަށް ގެންދާގޮތަށް ނިންމާފައިވާ ކަމަށެވެ.ވެ.

މި މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ އޭރުގެ

  1. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު
  2. ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ
  3. ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު އައިމިނަތު ޝައުފާ
  4. ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރު އަދި ބިޑް ކޮމިޓީ މެންބަރު ފާތުމަތު ލިމްޔާ
  5. ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އަސްލަމް
  6. މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު
  7. މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސާއަލީ ޝިހާމް
  8. މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް
  9. މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒްގެ އިތުރުން
  10. މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، އަބްދުﷲ ޝަރީފް އަދި
  11. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށެވެ.

ވެންޓިލޭޓަރު ގެނައުުމުގައި ހެލްތް މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާކަން ފަޅާއެރީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުންކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓަކުންނެވެ. މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ.

ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކޮށްފައިވާކަންވެސް ފަޅާއެރިއިރު ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނުކަން ވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *