ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ މައްޗަށް ދައުވާ އުފުލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕްރެޝަރ ބޮޑުވެގެން ކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވީ އިއްޔެއެވެ. އޭނާގެ މައްޗަށް ދައުވާ އުފުލަން ފޮނުވާފައި ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށްކަމަށް ބުނާ މައްސަލާގައެވެ.
އެކަމާ ގުޅިގެން އުމަރު ވިދާޅުވީ އޭސީސީން ކުއްލި އަކަށް 6 އަހަރުވީ މައްސަލައެއް މިހާރު ޕީޖީއަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕްރެޝަރު ބޮޑުވެގެން ކަމަށެވެ.
އުމަރު ނަސީރު މިފަދަ ތުހުމަތެއް ކޮށްފައި މިވަނީ އޭސީސީގެ ޕަރފޯމަންސް އޮޑިޓެއް ހަދާ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ނަމަ ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ މަހު ނިންމާފައިވަނިކޮށެވެ.
މިއީ ކޮންމެހެން އަޅުގަނޑާ ދިމާލަށް އެކަނި އަންނަ އެއްޗެއް ނޫން. ރައްޔިތުންގެ މަޖިލީހުން ބޭނުންވާ އަދަދަށް ބޭނުންވާ ބައެއްގެ މައްސަލަތައް ނުފޮނުއްވާތީ ހިނގާ ކަމެއް ކަމަށް އަޅުގަނޑަށް ގާބޫލްކުރެވެނީ
އޭނާ ވިދާޅުވީ އެއް މަސްކުރިން އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުން ނިންމުމާއި، ހަފްތާއެއް ކުރިން އެސީސީގެ މެމްބަރަކު އިސްތިއުފާ ދިނުމާއި، މިފަދަ ހުރިހާ ކަންކަމަކީ ވެސް ގުޅުން ހުރި ކަންކަން ކަމަށެވެ.
އޭސީސީން ކުރާ ތުހުމަތުތަކާ ގުޅޭގޮތުން އުމަރު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިންގާފައި ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަށް ބިޑް ކުރީ ޖުމްލަ 4 ކުންފުންޏަކުން ކަމަށާއި، އޭގެ ތެރެއިން މަސައްކަތް ހަވާލުކޮށްފައިވާނީ އެންމެ ކުޑަ އަގުގައި ބިޑު ހުށަހެޅި ކުންފުންޏަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން ހުށަހެޅީ އެހެން ކުންފުނިތަކާ އަޅާބަލާއިރު، ހަތަރު ގުނަ ކުޑަ އަގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތަށް އެންމެ ފައިދާބޮޑު ގޮތަކަށް ވާނީ ޓެންޑަރަށް ހުޅުވާލާފަ އޭގެ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ހަވާލުކުރުން ކަމަށް އަޅުގަނޑަށް އަދި ފިނޭންސް މިނިސްޓަރަށް ވެސް ފެނިގްނެ އެ މިނިސްޓްރީން ލިޔުމުން ހުއްދަ ގެނެސްފަ އަދި އޭސީސީ އަށް ވެސް ހުށަހަޅައިގެން އެތަނުގެ ކްލިއަރަންސް ވެސް ހޯދައިގެން ހަވާލުކުރީ
އުމަރު ވިދާޅުވީ ބިޑް ހުޅުވާލުމާއި، އެކަމާ ގުޅުންހުރި ހުރިހާ ކަންކަމަކީ ވެސް މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވިސް މުވައްޒަފުން ކުރާ މަސައްކަތްތަކެއް ކަމަށެވެ. އޭނަ ވިދާޅުވީ މި މަޝްރޫގެ މަސައްކަތަކީ ވެސް ހޯމް މިނިސްޓްރީގައި އޮންނަ ސިވިލް ސާވިސްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުން ކޮށްފައިވާ މަސައްކަތެއް ކަމަށާއި، އެއީ މިނިސްޓްރީގެ ސިޔާސީ ބޭފުޅުން ނުވަތަ އޭނާ ވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ކަމަށް ގަބޫލުކުރައްވަން ދަތިކަމުގައި އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މި މަޝްރޫ އަކީ ރާއްޖޭގައި ކުށްވެރިން ހައްޔަރުކުރުމާއި، އެމީހުން ރަނގަޅަށް މޮނިޓަރކުރުމާ ދިމާއަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވާތީ މި މަސައްކަތް އޭނާ ވަރަށް ގާތުން ބަލާފައިވާނެ އެވެ. އަދި ގާތުން ކަންކަން ބެލީ ޓެކްނިކަލީ އެކަން ފެއިލްވިޔަ ނުދިނުމަށް ކަމަށް ވިދާޅުވިއެވެ.