ގއ. ކޮނޑޭ ސްކޫލްގައި ކިޔަވައިދޭ ޓީޗަރަކު ޤުރުއާން ފޮތެއް އެއްލާލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެ ސްކޫލްގައި ކްރިއޭޓިވް އާޓްސް ކިޔަވައިދޭ މުދައްރިސަކު ޤުރުއާން ފޮތެއް ބިންމައްޗަށް އެއްލާލި ކަމަށާއި، ކުދިން ލައްވާ ކްރިސްމަސް ގަސް ހައްދާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ "ޖަޒީރާ" އަށް ވިދާޅުވީ ނޫސްތަކުގައި ރިޕޯޓުކުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކްލާހުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، ރަށުތެރޭގައި އެވާހަކަ ބޮޑުކޮށްގެން ދައްކަނީ ކަމަށެވެ.
އެ ޓީޗަރު ކުދިންނަށް ކިޔަވައިދޭން ހުއްޓާ މޭޒު މަތީގަ އޮތް ފޮތެއް ޖެހިފަ ވެއްޓުނީ. ވެއްޓުނީމަ ވަގުތުން އެ ނަގާފަ ހަމަ ބޭއްވި މޭޒުމަތީގަ. ކުދިން ގާތުގަ ވެސް އެފޮތާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާފައެއް ނެތް
އޭނާ ވިދާޅުވީ ކްރިސްމަސް ގަހެއް ވެސް ކުދިން ލައްވާ ހައްދާފައި ނުވާ ކަމަށެވެ. ކްރިއޭޓިވް އާޓްސް ގަޑި އަކީ ކުދިން ލައްވާ އެކި ކަހަލަ މޮޑެލްތައް ހަދާ ކުދިންނަށް އެކި އެއްޗެހި ދަސްކޮށްދޭ ގަޑިއެއް ކަމަށާއި، އެ ގަޑީގައި ހެދި އެއްޗެއް ކްރިސްމަސް ގަހަކާ ވައްތަރުވީ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެ ޓީޗަރަކީ އެ ސްކޫލުގައި ކިޔަވައިދޭތާ 12 އަހަރުވެފައިވާ ޓީޗަރެކެވެ. މީގެ ކުރިން ވެސް ދުވަހަކު ވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި، މިނިސްޓްރީން ބެލި ބެލުމުން ބެލެނެވެރިންގެ ފަރާތުން ވެސް އެ މުދައްރިސާ ގުޅިގެން ލިބިފައި ހުރީ ވަރަށް ރަނގަޅު މައުލޫމާތު ކަމަށް ވިދާޅުވިއެވެ.