2019 ވަނަ އަހަރު ށ. ނޫމަރާ ފަރަށް އެރި "މެރިން ޕަވަރ 2317" ނަމަކަށް ކިޔާ ބާޖު، 61 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ބާޖު ޖޫރިމަނާ ކުރީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ. އެގޮތުން، އެ ބާޖު ޖޫރިމަނާ ކުރީ 61،681،316 ރުފިޔާއިންނެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާގެ ފައިސާ 30 ދުވަސް ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް "މެރިން ޕަވަރ 2317" ބާޖުގެ ދިވެހި އެޖެންޓު، ރޮހޮޕް ޕްރައިވެޓް ލިމިޓެޑަށް އަންގާފައެވެ.

2019، އޮކްޓޯބަރު 26ގައި ށ. ނޫމަރާ ފަރަށް އެރި މި ބާޖު ފުންކޮށް، އެ ސަރަހައްދަށް ފެތިފައި އޮތް ބާޖުގެ ބައިތައް ނަގައި ނިމިފައި ވަނީ 2021، ނޮވެމްބަރު 16ގައެވެ. އެ މަސައްކަތް ނިމުމުން ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ ސަރަހައްދު ބަލައި ސާވޭކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން 1632 އަކަމީޓަރުގެ ސަރަހައްދަކީ ސީދާ ގޮތެއްގައި ބާޖު ފަރަށް އެރުމުގެ ސަބަބުން ލިބިގައިވާ ގެއްލުމުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

"މެރިން ޕަވަރ 2317" އަކީ ށ. ނޫމަރާގެ ބަނދަރު ހެދުމަށް ގެންދިޔަ ބާޖެކެވެ. ނޫމަރާ ނެރުމައްޗާ ދިމާލު ފަރަކަށް އެރީ، އެ ސަރަހައްދަށް ކައިރި ކުރަން އުޅުމުގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *