މުއްދަތު ހަމަވެފައިވާ ވެކްސިނެއް ރާއްޖޭގައި ބޭނުން ނުކުރާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ މުއްދަތު ހަމަވެފައިވާ ހުންނަ ވެކްސިން، އަތޮޅު ތެރޭގައި ބޭނުން ކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދިއުމާ ގުޅިގެންނެވެ. އެގޮތުން، މުއްދަތު ހަމަވެފައިވީ ނަމަވެސް ވެކްސިން ބޭނުން ކުރުމަށް އެޗްޕީއޭއިން ހެލްތް ސެންޓަރުތަކަށާއި ހޮސްޕިޓަލްތަކަށް އަންގާފައިވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނެއެވެ.
މިކަމާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ބޭނުން ނުކުރާނެ ކަމަށެވެ. އަދި އެ ކަންބޮޑުވުން އަންނަނީ ފައިޒާ ވެކްސިންގެ ވައިލްގައި ޖަހާފައިވާ އެކްސްޕަޔަރީ ޑޭޓުންކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް އިތުރު 3 މަހަށް ދަންމާލާފައިވާ ކަމަށެވެ.
މިކަން އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އާންމުވެސް ކޮށްފައެވެ.
ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް ކުރިން ހުންނަނީ 6 މަސް ދުވަހަށެވެ. ނަމަވެސް ވެކްސިނަކީ މިހާރުވެސް ދިރާސާ ކުރަމުންދާ އެއްޗަކަށް ވާތީ، ދިރާސާ ކުރެވޭ ވަރަކުން އެއާ ބެހޭ އިތުރު މައުލޫމާތުތައް ދަތީ ހާމަވަމުންނެވެ. ފައިޒާ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރުކޮށްފައި މިވަނީ 9 މަސް ވަންދެން ދިރާސާ ކުރުމަށްފަހު ވެސް ވެކްސިނުން ރައްކާތެރިކަން ފޯރުކޮށްދޭކަން ހާމަވުމުންނެވެ. އެހެންކަމުން މިހާރު ރާއްޖޭގައި ހުރި ފައިޒާ ވެކްސިން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ އެވެ.