އަންނަ 2022 ވަނަ އަހަރުގެ ބަންދު ދުވަސްތަކަށް 4 ދުވަސް އިތުރުކޮށްފިއެވެ.
އަންނަ އަހަރުގެ ބަންދު ދުވަސްތަކަށް 4 ދުވަސް އިތުރު ކުރުމަށް ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައެވެ.
ބަންދު ދުވަސްތަކަށް އިތުރު ކުރި ދުވަސްތަކަކީ:
- 5 މެއި (ބުރާސްފަތި)
- 13 ޖުލައި (ބުދަ)
- 14 ޖުލައި (ބުރާސްފަތި)
- 28 ޖުލައި (ބުރާސްފަތި) މިއެވެ.
ބަންދު ކުރަން ނިންމި ދުވަސްތަކުގެ ތެރެއިން މެއި 5 އަންނަނީ ފިތުރު އީދު އަންނަ ހަފްތާގައެވެ. ލޭބަރ ޑޭ އަދި ފިތުރު އީދު ދުވަހާއެކު އެ ހަފްތާގައި ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކުރިން އޮތީ ހަމައެކަނި މެއި 5 ވަނަ ދުވަހެވެ. މި ދުވަސް ބަންދު ކުރުމާއެކު އެހަފްތާ އެއްކޮށް ސަރުކާރު ބަންދުވާނެއެވެ.
އަންނަ އަހަރުގެ އަޟްހާ އީދު ދުވަހަކީ ޖުލައި 9 އެކެވެ. ޖުލަި 13 އަދި 14 ބަންދު ކުރަން ނިންމުމާއެކު، އެ ހަފްތާ އެއްކޮށް ސަރުކާރު ބަންދު ވާނެއެވެ. ޖުލައި މަހުގެ ދެވަނަ ހަފްތާ އީދަސް ބަންދުވުމަށްފަހު އިތުރު ހަފްތާއަކަށް ސަރުކާރު ހުޅުވޭނެއެވެ. އެއަށްފަހު އަންނަ ހަފްތާގެ އަންގާރަ ދުވަހާއި ބުދަ ދުވަސް މިނިވަން ދުވަހުގެ މުނާސަބާ ފާހަގަ ކުރާއިރު، ޖުލައި 28 ބަންދު ކުރަނީ މިނިވަން ދުވަހާ ގުޅިގެން ލިބޭ ބަންދު އިތުރު ކުރުމަށެވެ.