ޑައިވް އަދި މޫދު ކުޅިވަރުތަކަށް ލޯބިކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ތަޖުރިބާތައް އިޝްތިހާރުކުރުމަށް މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ، މައިޑް 2021 ގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.
މި އެކްސްޕޯ ކުރިއަށް ގެންދިޔައީ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
މައިޑް 2021 އެކްސްޕޯއަކީ ޑައިވް ކުރުމާއި، މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ، އަދި އެފަދަ ހިދުމަތްދޭ އަދި ލިބިގަންނަން ފަރާތްތަކަށް ހާއްސަކޮށްގެން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި ދުނިޔޭގެ އެންމެ މަޤުބޫލު ޑައިވް މަންޒިލްތަކާއި، މޫދުކުޅިވަރާއި، ޑައިވިންގެ އެކި ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
މިއީ މައިޑް ގައި ރާއްޖޭން ބައިވެރިވި ފުރަތަމަ ފަހަރެވެ. މި އެކްސްޕޯގައި ރާއްޖޭން ބައިވެރިވުމުގެ މަޤްސަދަކީ ރާއްޖޭގައި މޫދުކުޅިވަރާއި، ޑައިވިންއަށް ހުރި ފުރުސަތުތަކާއި، މެރިން ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖޭގައި ކުރާ މަސައްކަތްތައް ދެކުނުއިރުމަތީ އޭޝިއާ، ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނާ ހިއްސާކުރުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މައިޑްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑައިވް، މެރިން ކޮންޒަވޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، މި ހިދުމަތްތައް ލިބިގަންނަން ބޭނުން ފަރާތްތަކާއި އެއްތަނަކުން ބައްދަލުވުމަށް ފުރުސަތު ފަހިވެގެންގޮސްފައިވާކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މި އެކްސްޕޯ ގައި، ރާއްޖެ މާކެޓްކުރުމުގައި ހަރަކާތްތެރިވާ 13،000 ޓްރެވަލް އޮޕަރޭޓަރުންނާއި، އެޖެންޓުންނާއި ބައްދަލުވެފައިވާކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މި އިވެންޓުގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެފައިވަނީ ރާއްޖެއިން ދެކުނުއިރުމަތީ އޭޝިއާގެ މާކެޓަށް ހާއްސަކޮށްފައިވާ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ރާއްޖެއަކީ މި މާކެޓުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤޫބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށެވެ.. އަދި ރާއްޖޭގެ އެންމެ ފަހުގެ މައުލޫމަތާއި، ޓްރެވަލް ގައިޑްލައިންތައް މި މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކޮށް، ރާއްޖެއާ ބެހޭ ގޮތުން އެފަރާތްތަކުންސާފުކުރަން ބޭނުންވާ މައުލޫމަތު ސާފުކޮށްދިނުމަށެވެ.
މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް މި އަހަރު މިހާތަނަށް ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ރޯޑް ޝޯ، މާކެޓިން ކެންޕެއިން، ވެބިނާ، ފެއާ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ.