މާފުށީ ޖަލުގަޔާއި، އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، ގައިދީންނަށް ދެމުންދާ ވޮކޭޝަނަލް ތަމްރީންތައް އިތުރަށް ފުޅާކުރެވޭނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް  އަހްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް  މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ކޮމިޝަނަރގެ ވާހަކަފުޅުގައި، ސަރުކާރުން ޖަލުގެ ނިޒާމް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިސްކަންދެއްވާ ދެ ސިޔާސަތަކަށް އަލި އަޅުއްވާލައްވައި ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިންސައްތައަށް ވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުންކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، އޭގެ ހެޔޮގޮތުގައި ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެންނަކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާޞިލްކުރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *