މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް  ދީފިއެވެ.

މި ރަސްމިއްޔާތު ޝަރަފްކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ  ޢަލީ ނަޒީރުއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް  އަހްމަދު މުޙައްމަދުފުޅު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި މާފުށީ ޖަލުގެ ޑިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް ގެ އިތުރުން ދައުވަތު އެރުވި މެހެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ މަގްސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމެވެ.

މި ރަސްމިއްޔާތުގައި ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ކަމުގައިވާ ޤިރާއަތު ކޯސް ލެވެލް 1، 2 އަދި ޑިޕްލޮމާ، ސެޓްފިކެޓް 1 އިން ކޮމްޕިއުޓަރ އެޕްލިކޭޝަން، ސެޓްފިކެޓް 2 އިން އެސެންޝަލް އެގްރިކަލްޗަރ، ސެޓްފިކެޓް 1 އިން ހައުސް ވައިރިންގ އެންޑް އިލެކްޓްރިޝަން ގެ އިތުރުން އެސް.އެސް.ސީ އަދި އޯ ލެވެލް ނިންމި ޤައިދީންނަށް ވަނީ ސެޓްފިކެޓް ޙަވާލުކޮށްފައެވެ.

އެގޮތުން ޖުމްލަ 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ. މީގެ ތެރެއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 11 ޤައިދީންނަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ޙަވާލުކޮށްފައެވެ.

މީގެ އިތުރުން މި ޕްރޮގްރާމްތަކުގައި ކިޔަވާދެއްވި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި އެމްސީއެސްގެ ފެސިލިޓޭޓަރުންނަށް އަގު ވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން ޢަލީ ނަޒީރު  ވދާޅުވީ، ޢާއިލާއާއި ޢާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބޭ ހިސާބެއްގައި ޖަލުގެ ބެލުމުގެ ދަށުގައި ބަންދުވެ ތިބެގެން ޢިލްމެއް، ހުނަރެއް ދަސްކުރުމަކީ ކުޑަކަމެއް ނޫންކަމަށެވެ. އަދި ޕްރޮގްރާމްތަކުން ދަސްވެނިވި ފަރާތްތަކުން ކުރެއްވި ހިތްވަރު ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޖަލަށް މީހުން ގެންދަނީ އިޖުތިމާއީ އެކި މަސައްލަތަކާ ގުޅިގެން ކަމަށާ، މިއަދު ދަސްވެނިވި ފަރާތްތަކުން ޙާޞިލުކުރި ޢިލްމާއި ދަސްކުރި ހުނަރާ އެކީގައި ޖަލުގެ ދޮރުން މުޖްތަމަޢުއަށް ނިކުތުމަށްފަހު އެނބުރި ޖަލަށް ނުދާނެ ގޮތަށް މަސައްކަތް ކުރައްވާނެކަން ޔަޤީންކުރައްވަން ބޭނުންފުޅުވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ސަރަޚައްދީ ގޮތުން ބަލާއިރު ރާއްޖޭގައި ރީ-އޮފެންޑް ކުރާ ނިސްބަތް ގިނަކަން ފާހަގަކުރައްވައި، ޖަލުގައި ޙުކުމް ތަންފީޛުކުރުމުގެ މަރުހަލާގައި ހޭދަކުރާ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި، މުޖްތަމަޢު އަދި ޢާއިލާއަށް ފައިދާހުރި މެންބަރެއްގެ ހައިޞިއްޔަތުން ޢަމަލާއި ވިސްނުމާއި ފިކުރު ބަދަލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކުށްވެރިން އިސްލާހުކުރުމަށާއި ރީއޮފެންޑިންގ މަދުކުރުމަށް ސަރުކާރުގެ ގުޅުންހުރި އޭޖެންސީތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *