ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރަށް ދަޢުވާކޮށްދިނުމަށް އެދި މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އުމަރު ނަސީރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ، 2015 ވަނަ އަހަރު ތެރޭގައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޢުމަރު ނަޞީރުއާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށްކަމަށް ބުނާ މައްސަލާގައެވެ.
އޭސީސީން ބުނީ، މި މައްސަލާގައި އުމަރު ނަސީރުގެ މައްޗަށް ދަޢުވާކުރުމަށް އެދި ކޮމިޝަނުން ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތް) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާކަމަށެވެ.
މި މައްސަލައިގެ ތަޙުޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުންކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް ޢުމަރު ނަޞީރުއާ ގާތްގުޅުން އޮންނަ ފަރާތްތަކެއްކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އޭގެތެރެއިން ދެ ޙިއްސާދާރުންނަކީ ޢުމަރު ނަޞީރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރު ނަޞީރުގެ ކްލޯޒް އެސޯސިއޭޓުންކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، ސްޓެލްވާޓަކީ ޢުމަރު ނަޞީރުއާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއްކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް ޢުމަރު ނަޞީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި ޢުމަރު ނަޞީރު ބައިވެރިވެފައިވާކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާކަމަށާއި، ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަންވެސް ފާހަގަކުރެވިފައިވާކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ނަޞީރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤުން ފާހަގަކުރެވޭކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވޭކަމަށޤ ވަނީ ބުނެފައެވެ.
މީގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000.00 (ފަސްސަތޭކަހާސް ރުފިޔާ) ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން މި ކޮމިޝަންގެ ތަޙްޤީޤަށް އެނގިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.