ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން -- ފޮޓޯ: މަޖިލިސް

އިސްލާމް ދީނާއި ޚިލާފު އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހަޔަރ އެޑިއުކެޝަން މިނިސްޓްރީން ދީފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީ ހިނދު، އަދި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ޙިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިފަދަ ކަންކަމަކީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ޙަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ހިންގާ ޙަރަކާތަކަށް ވުމަކީ ލާޒިމުކަމެއްކަމަށާއި، ހަމައެފަދައިން އެ ޙަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ޙަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއްކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނުނުތަކާއި ޚިލާފަށް މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އަޅާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *