މިދިޔަ މަހުގެ 17 ވަނަ ދުވަހު މާލޭގައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ކޯސްޓްގާޑުގައި މަސައްކަތް ކުރާ އެ ސިފައިންގެ މީހާ ރަހީނު ކުރީ 17 ވަނަ ދުވަހުގެ ރޭ 11:30 ހާއިރު މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިއަކުން ދަނިކޮށެވެ. އަދި ދެ މީހަކު ވެގެން އޭނާ ހިފަހައްޓާ، ފައިސާ ދޭން އެދުނު ކަމަށާއި، އެވަގުތު އަތުގައި ފައިސާ ނެތުމުން ބޭންކް އެކައުންޓާއި ކާޑުގެ ޕިން ނަންބަރު ދިނުމަށް އެދުނު ކަމަށް ވެއެވެ.
ބޭންކް އެކައުންޓާއި ކާޑުގެ ޕިން ނަންބަރުގެ މައުލޫމާތު ނުދިނުމުން ސިފައިންގެ މީހާގެ ކަރުގައި ހިފާ، އޭނާ ގައިގައި ތަޅައިގަނެ ހޭނައްތާލާފައިވާ ކަމަށް ވެއެވެ. އަދި މޫނު ނިވާކޮށްގެން ތިބި 7 މީހަކު ވެގެން އޭނަ، ކައިރި ކޮޓަރިއަކަށް ގެންގޮސް، މުޅި ރޭ އަނިޔާ ކުރުމަށްހު ހެނދުނުގެ ވަގުތެއްގަިއ އައިޖީއެމްއެޗް ކުރިމައްޗަށް ގެންގޮސް އެއްލާލާފައިވެއެވެ. އޭނާއަށް ތޫނު އެއްޗަކުން ޒަޚަމްތައް ދީ، ސިނގިރެޓް ބުރިއަކުން ގައިގައި ޖައްސާ، ގައިގެ އެކި ތަންތަނަށް އަނިޔާ ކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.
މިމައްސަލާއާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅިގެން ވިލިމާލޭގެ ގެސްޓުހައުސްއެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.