މި ހިނގާ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓރީން ބުނެފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ 5 ވަނަ ދުވަހު 6269 ފަތުރުވެރިން ޒިޔާތރަތްކުރިކަމަށެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލު ފަހުން، އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެވެ.
ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1,162,425 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 461,113 ފަތުރުވެރިންނެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ނޮވެމްބަރު މަހުގައެވެ. އެމަހު 144,725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އޮގަސްޓުމަހު 143,599 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން އޮކްޓޯބަރު މަހު 142,066 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 114,896 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 261,164 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ލިސްޓުގެ ދެވަނާގައި އޮތް ރަޝިޔާއިން 205,246 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެއިތުރުން ޖަރުމަނުވިލާތުން 83,817 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ސައުދީ އަރަބިޔާ، ސްޕެއިން، ޔޫކްރެއިންގެ އިތުރުން ފްރާންސާއި ސްވިޒަލޭންޑެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އެއް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އެމިރޭޓްސް މެދުވެރިކޮށެވެ. އެގޮތުން އެއެއާލައިނުން 224,353 ފަތުރުވެރިން ރާއްޖެ ގެނެސްފައިވެއެވެ. މި މުއްދަތުގައި އެމިރޭޓްސްއިން ރާއްޖެއަށް 2,588 ދަތުރު ކޮށްފައިވެއެވެ.
އެމިރޭޓްސްގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ ގަތަރު، އިންޑިގޯ، އޭރޯފްލޮޓް ، ގޯއެއާ އަދި ފްލައި ދުބާއީއެވެ. ރާއްޖެއަށް މިހާރު 27 އެއާލައިނަކުން ދަތުރުކުރެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 911 ތަނެއް ވަނީ ހުޅުވާލާފައެވެ. މީގެތެރޭގައި ހިމެނެނީ 160 ރިސޯޓާއި، 607 ގެސްޓްހައުސްގެ އިތުރުން 144 ސަފާރީއެވެ. މިއީ 52,024 ބެޑް ކެޕޭސިޓީއެވެ.