ޓެރަރިޒަމްއާ ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ގުޅިގެން މަސައްކަތްކުރާނެ މައި ސެންޓަރެއްގެ ގޮތުގައި ޖޮއިންޓް އިންޓައޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)، ހުޅުވައިފިއެވެ.

ސިފައިންގެ ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމް.އެން.ޑީ.އެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ޖަޔޮކްގެ މަސައްކަތަކަށްވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތުރެޓްތައް ނުވަތަ ޤައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަޙައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވަރކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދަނިކޮށް، 2019 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުންވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފައި ކަމަށެވެ.

ހަމައެއާއެކު، ރައީސް ޞާލިޙްގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ޤާނޫނަށް އިސްލާޙުގެންނެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. މި އިސްލާޙުގައިވާ ކަންކަން ތަންފީޒުކުރަން، ރައީސް އޮފީހުން ކުރި ބުރަ މަސައްކަތުން މުޅިން އަލަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރު އެކުލަވާލާފައިވާ ކަމަށް ބުންޏެވެ.

މިއަދު މިހުޅުވުނު "ސްޓޭޓް އޮފް ދަ އާރޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ޤާއިމްކުރެވިފައިވާ ޖޮއިންޓް އިންޓަރއޭޖަންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ވެސް އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

އަދި މިސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ތަންފީޛުކޮށް، މިސިޔާސަތަށް ޢަމަލީ ސިފަ ގެންނެވުމަށް އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތްޕުޅަށް ލިބުނު ކުރިއެރުމެއްކަމާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އަޙައްމިއްޔަތު މިކަމުން ހާމަވާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *