ފުވައްމުލަކު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް

އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރުމުގެ ހުއްދަ ރާއްޖޭގެ 3 އެއާލައިނަކަށް ދީފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ، އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމާއި އިތުރަށް ތަރައްޤީކުރުމަކީ މިއަހަރުގެ މައިގަނޑު އަމާޒުކަމަށެވެ. އެގޮތުން، ރާއްޖޭގެ އެއާލައިންތަކުގެ ޙަރަކާތްތައް އިތުރުކުރުމާއި އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނޭކަމަށެވެ.

އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓްކުރުމުގެ ހުއްދަ މިހާރު ރާއްޖޭގެ 3 އެއާލައިނަކަށް ދީފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަކަމަށާއި، އެގޮތުން އޭޕްރަންއަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑްކޮށް، މިހާރުވަނީ ބޭނުން ކުރަންފަށާފައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ނަހުލާ އިތުރަށް ވިދާޅުވީ، ސަލާމަތީ މިންގަނޑުތައް އިތުރަށް ހަރުދަނާކޮށް ރެގިއުލޭޓަރީ ފްރޭމްވޯކް އިތުރަށް ފުޅާކުރުމުގެ ޙަރަކާތްތައްވެސް މިއަހަރު ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެގޮތުން، ރާއްޖޭން އިޚުތިޔާރުކޮށްފައިވާ ޔޫރަޕިއަން ސޭފްޓީ ރެގިއުލޭޝަން ސްޓްރަކްޗަރ އާއި އެއްގޮތްވާ ގޮތުގެ މަތީން އެއާވާދިނަސްގެ ދާއިރާއިން ޤާއިމު ކުރެވިފައިވާ ޤަވާޢިދުތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، މިއަހަރު ސިނާޢަތުގެ ބައިވެރިންގެ ޚިޔާލާއި މަޝްވަރާއަށް ހުޅުވާލެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، "ކާބަން އޮފް ސެޓިންގ އެންޑް ރިޑަކްޝަން ސްކީމް ފޮރ އިންޓަނޭޝަނަލް އޭވިއޭޝަން (ކޯސިއާ)" ގައި ރާއްޖެއިން ބައިވެރިވުމުގެ އިންތިޒާމުތައް ކުރިއަށް ދާއިރު ޤަވާޢިދު އެކުލަވާލައި މި އަހަރުގެ އޭޕްރީލްމަހު ވަނީ ގެޒެޓް ކުރެވިފައި. އަދި ރާއްޖެއަށް އޮޕަރޭޓް ކުރާ ބައިނަލް އަޤުވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުޞޫލުގެ ތެރެއިން ރެގިއުލޭޓް ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި "ފޮރިން އޮޕަރޭޓާސް" ގެ ނަމުގައި ޤަވާޢިދެއް ސިނާޢަތުގެ ބައިވެރިންގެ މަޝްވަރާއާއި ޚިޔާލާއެކު އެކުލަވާލައި ޢާންމު ކުރުމުގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުޙަލާގައި."
މިނިސްޓަރ ނަހުލާ
ޢާލަމީ ޕެންޑެމިކެއް ރާއްޖޭގައި ކޮންޓްރޯލު ކުރުމާއެކު އޭވިއޭޝަން ދާއިރާއަށް ކުރިއެރުން ލިބި ދިވެހި އިޤުތިޞާދީ މައި ނާރަށް ދިރުން ލިބިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު ސަރުކާރުން ކުރިއަށް ނެރޭ ސިޔާސަތުތަކުގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށްވެސް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވާ މިންނެތް މަސައްކަތްޕުޅު ފާހަގަކޮށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *