މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކުކުރުމަށް މާލެ ސިޓީ ކައުންސިލުން ޕާކިން ސްލޮޓްތައް ދޫކުރި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީގެ އޮފިޝަލަކު "ޖަޒީރާ" އަށް ވިދާޅުވީ އަމިއްލަ ފަރާތަކުން އެ މައްސަލަ އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މާލޭގައި ޕާކިން މައްސަލަ ހައްލުކުރުމަށް 450 ޕާކިން ސްލޮޓް ދޫކުރަން ނިންމާ އޭގެ ތެރެއިން 211 ސްލޮޓަށް ކުރިމަތިލާން ހުޅުވާލީ ޖުލައި މަހުގައެވެ. އެ 211 ސްލޮޓަށް އެކަނި ވެސް 900 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވެއެވެ.
އޭސީސީން ބުނީ އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ އަކީ ތަހުގީގުކުރާނެ މައްސަލައެއްތޯ ބަލަމުން އަންނަ ކަމަށެވެ. ޖަޒީރާ އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވިގޮތުގައި އެ މައްސަލާގައި މައިގަނޑު ޝަކުވާއަކަށް އޮތީ އިއުލާންކޮށް ސްލޮޓުތައް ދޫކުރީ އެންމެނަށް ފުރުސަތު ނުލިބި ވަކި ބަޔަކަށް ލިބޭނެ ގޮތަށް ކަމަށް ބުނެ ކަމަށެވެ.
ސިޓީ ކައުންސިލުން ޕާކިން ސްލޮޓުތައް ދޫކުރަން ގުރުއަތު ނެގި އިރު އޭގައި ބޭނުންކޮށްފައިވަނީ ފޯމު ހުށަހަޅާއިރު އެއާ އެކު ދޭ ސްލިޕް ނަމްބަރެވެ. އެގޮތަށް އަމަލުކޮށްފައިވަނީ ބައެއް ބޭފުޅުންނަކީ އެއް އުޅަނދަށް ވުރެ ގިނަ އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވާތީ އެކަކަށް ގިނަ ސްލޮޓް ލިބުމުގެ ފުރުސަތު ކުޑަ ކުރުމަށް ކަމަށް ބުނެއެވެ.
އޭސީސީން ބުނީ މައްސަލަ ހުށަހެޅި އިރު ބައެއް ފޯމުތައް ހުށަހެޅުމުން އެ ބޭފުޅުންނަށް އެއްވެސް ސްލިޕް ނަމްބަރެއް ލިބިފައިނުވާ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި ލިސްޓު އާންމުކުރި އިރު އެކަކަށް ދެ ސްލޮޓު ލިބިފައި ވުމާއި އެފަދަ ކަންކަން ހިމެނޭ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލުން ގުރުއަތު ބާއްވާފައި ވަނީ ވަރަށް ވެސް އިންސާފުވެރިކޮށެވެ.