ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ އެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 88 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
އެގޮތުން، މި މަޝްރޫއުގެ ދަށުން، ބަނދަރުގެ ބްރިޖް އެޅުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ބޭރުތޮށި ލުމުގެ މަސައްކަތުގެ 83 ޕަސެންޓް ވަނީ ނިންމާލާފައެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރ ބޭރުތޮށި ހެދުމާއި، 196 މީޓަރ އެއްގަމު ތޮށި ހެދުމާއި، 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 02 ނެރުބައްތި ހަރުކުރުމާއި އަދި 2500 ސްކެއަރ މީޓަރ ޕޭވްމަންޓެއް ހެދުން ހިމެނެއެވެ. މީގެ އިތުރުން 42600 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4000 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި އަދި 60 މީޓަރުގެ ރިވެޓްމަންޓްޖެހުން ހިމެނެއެވެ.
38.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 397 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.