ރައީސް އަބްދުﷲ ޔާމީން މީގެ ކުރިން ފުލުހަށް ހާޒިރުކުރުމުގެ ތެރެއިން -- ފޮޓޯ: ވަން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ޕާސްޕޯޓް ހިފައްޓަން އަމުރު ދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައި އޮތުމުންނެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން ޔާމީންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާ ކުރުމުގެ އަމުރެއް ނެރެދޭން ދައުލަތުން މިއަދު އެދިވަޑައިގަތެވެ. އެހެންމަވެސް މައްސަލަ ބައްލަވާ ގާޒީ،  ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ރައީސް ޔާމިންގެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ކަމުން އެއީ ވުޖޫދުގައި ނެތް ޕާސްޕޯޓެއް ކަމުގައި ބެލެވޭކަމަށެވެ.

މީގެއިތުރުން ރައީސް ޔާމިން ފުރުމުގެ ޖާގައާއި ސަބަބެއް ވެސް ނެތް ކަމަށާއި، ބުރަދަނެއް ހުރި އިތުރު ސަބަބެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށްދަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައިވާ ކަމަށް ބުނާ މައްސަލައެވެ.
މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގައެވެ.
ރިޝްވަތުގެ ގޮތުގައި ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރައީސް ޔާމީން 1،117،000 އެމެރިކާ ޑޮލަރު ނަންގަވާފައިވާ ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވެއެވެ. އަދި، މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން ކަމަށް ވެސް މި ދައުވާގައި ވެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *