ތައުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮސްޓްރިއާއިން ރާއްޖެ އަށް ކަނޑައެޅުއްވި އައު ސަފީރު ހަރ އެކްސެލެންސީ ކެތެރީނާ ވީޒަރ އާ އެކު މަޝްވަރާކުރައްވައިފިއެވެ.
އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ކެތެރީނާ ވީޒަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު ވަނީ އަރުވާފައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އޮސްޓްރިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުންނާއި، ކޮވިޑް-19 ހާލަތާއި ގުޅޭގޮތުންނާއި، ތައުލީމީ ދާއިރާއިންނާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިސާ ދިނުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ، އޮސްޓްރިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ މިހާރުގެ ކޮވިޑް-19 ގެ ހާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައުލޫމާތު އޮސްޓްރިއާގެ ސަފީރާއި ހިއްސާކުރައްވާފައެވެ. މި މައުލޫއަށް ވާހަކަފުޅު ދައްކަވަމުން އޮސްޓްރިއާގެ ސަފީރު ވަނީ ކޮވިޑް-19ގެ ޙާލަތު ކާމިޔާބުކަމާއެކު މެނޭޖްކުރުމަށް ރާއްޖެއިން ނިންމާފައިވާ ހަރުދަނާ ނިންމުންތައް ފާހަގަކުރައްވައި، ރާއްޖެއިން ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރައްވާފައެވެ.
ތައުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާގެ އެކަޑަމިކް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަތީ ތައުލީމުގެ ރަނގަޅު ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި މިކަމަށް ޖަވާބުދެއްވަމުން އޮސްޓްރިއާގެ ސަފީރު ވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އެކަމަނާ ބައްލަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.
މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ހާއްސަ ގޮތެއްގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ސެޝަނުގެ ރައީސްކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ހުންނެވުމާ، ނިމިދިޔަ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ކޮޕް-26 ފާހަގަކުރެއްވެވިއެވެ. އަދި އޮސްޓްރިއާގެ ޚާރިޖީ ސިޔާސަތުގައި މަލްޓިލޭޓަރަލް އެއްބާރުލުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން ސަފީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާ ސަރުކާރުން ދިވެހި ދަތުރުވެރިންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވިކަމަށްޓަކައި އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުރުވެރިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަން ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަން ޔަގީންކުރައްވާކަމުގައި ވިދާޅުވެފައެވެ.