ބޭންކް އޮފް މޯލްޑްވިސް (ބީއެމްއެލް) ގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް ކުރިޔަށްގެންދާތީ އެކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސްކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، "އެކައުންޓް އޯޕެނިންގ ޕްރޮމޯޝަން"ގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް ކުރިޔަށްގެންދަކަމުގެ ރިޕޯޓްތައް ލިބިފައިވާކަމަށެވެ. އެގޮތުން ބޭންކުގެ ސްޓާފުންގެ ނަމުގައި ކަސްޓަމަރުންނަށް ގުޅައި ކާޑުގެ މައުލޫމާތާއި އިންޓަނެޓް ބޭންކިންގެ މައުލޫމާތު ހޯދަން މަސައްކަތްކުރާކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ބުނީ މި ފަދަ ޕްރޮމޯޝަނެއް އެބޭންކުން ކުރިޔަށް ނުގެންދާކަމަށެވެ. އެހެންކަމުން ކާޑުގެ އެއްވެސް މައުލޫމާތެއް (ކާޑު ނަންބަރު، މުއްދަތު ހަމަވާ ތާރީހު، ސީވީސީ/ ސީވީވީ ކޯޑު) އަދި އިންޓަރނެޓް ބޭންކިންގެ މައުލޫމާތާއި އޯޓީފީ، ފޯނު އީމެއިލް އަދި މެސެޖަކުންވެސް އެހެން ފަރާތަކާ ހިއްސާ ނުކުރުމަށް ބޭންކުން ވަނީ އެދިފައެވެ.
މިފަދަ މައުލޫމާތެއް ހޯދުމަށް ނުވަތަ ފައިސާ ފޮނުވުމަށް އެދި ބީއެމްއެލްއިން އެއްވެސް ހާލަތެއްގައި ކަސްޓަމަރުންނަށް ނުގުޅާނެކަމަށްވެސް އެބޭންކުން ވަނީ ބުނެފައެވެ.