ބައިނަލްއަގްވާމީ މައިދާނުގައި ޓިއުނީޝިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަގީން ކަން ޓިއުނީޝިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަޔެތް ތަލްބީ ބިލެލް އަރުވައިފިއެވެ.

ހަޔެތް ތަލްބީ ބިލެލް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް މިއަދު މެންދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ޓިއުނީޝިއާގެ އައު ސަފީރު އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންނާއި ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުންނާއި ތަރައްގީގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި އަދި ބައިނަލްވާމީ ގުޅުންތައް ބަދަހިކުރުންފަދަ މައުލޫތަކުގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓިއުނީޝިއާ އަކީ ވެސް ރާއްޖެފަދައިން އައްސޭރިފަށުގެ ގައުމެއްކަމާއި އިސްލާމީ ގުޅުންތަކުގެ މައްޗަށް ބިނާވެފައި އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ ހުރި އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ގައުމުން ވެސް އިންކަންދޭ ކަންކަމުގައި، ބޭނުންވާ އަމާޒަށް ވާޞިލުވުމަށްޓަކައި ޓިއުނީޝިއާއާއެކު ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި އަދި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަން ތަރައްގީކުރެއްވުމުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމުގެ ޝައުގުވެރިކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދ. އާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި، ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ފަދަ ބައިނަލްއަގްވާމީ ފަރާތްތަކާއި ގުޅިގެން، އިންސާނީ ހައްގުތަކާއި، ކައުންޓަރ ޓެރަރިޒަމާއި، ސުލްހައާއި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތައް ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓިއުނީޝިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގްވާމީ މައިދާނުގައި ހާއްސަކޮށް އ.ދ.ގައި ރާއްޖެއިން އަދާކުރަމުންދާ ދައުރަށް ތަޢުރީފުކުރެއްވިއެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ޓިއުނީޝިއާއިން ރާއްޖެއަށް އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެކަމުގައި ސަފީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ޓިއުނީޝިއާގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަޤުބަލުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *