ޖިންސީ ކުށުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، މިއަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ޖިންސީ ކުށުގެ ގާނޫނު އިސްލާހު ކުރުމުގެ ބިލް ދިރާސާކުރީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ. ކޮމިޓީން ގެނައި އިސްލާހުތަކާއި އެކު މި ބިލް ފާސްކުރީ މަޖިލީހުގެ 52 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ޖިންސީ ކުށުގެ ގާނޫނަށް ގެނެވުނު އިސްލާހުތައް
-
މާނަތައް ފުޅާކުރުން
މި ބިލު ދިރާސާކުރަމުންދިޔައިރު ކޮމިޓީ މެމްބަރުންނަށް ގަބޫލުކުރެވުނީ ޖިންސީ ކުށްތަކުގެ ތެރޭގައި
ދެމަފިރިންގެ މެދުގައި ގަދަކަމުން ހިންގާ ގުޅުންތައްވެސް އިސްތިސްނާއެއް ނެތި ހިމެނުމަކީ މުހިންމު ކަމެއްކަމަށެވެ. އެހެންވެ ކޮމިޓީން ވަނީ އެކަން ރޭޕްގެ މާނައިގައި ހިމަނާފައެވެ.
- "ރޭޕްކުރުން" ކަމަށް ބުނެފައި އެވަނީ، ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ނުވަތަ ދެމަފިރިންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލައި، ވެއްދުމަށެވެ.
- "ޖިންސީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ. (ކުރިން މި މާއްދާ އޮތީ ޖިންސީ އަނިޔާއަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި އެކަނި ހިންގާ އަމަލެއްގެ ގޮތުގައި)
- "ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ރޭޕްކުރުމަށް ނުވާގޮތަށް، އަދި ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި، ހާނިއްކައެއް ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އެނޫންވެސް އިހާނެތި ޢަމަލެއް އޭނާގެ ރުހުމާ ނުލައި ކުރުމަށެވެ. (ކުރިން މި މާއްދާ އޮތީ ޖިންސީ ކުށަކީ ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި އެކަނި ހިންގާ އަމަލެއްގެ ގޮތުގައި)