ކޮވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފިއެވެ.
ކޮވިޑް-19ގެ އައު ވޭރިއަންޓް ރާއްޖޭން ފެނިފައިވާއިރު މި ވޭރިއަންޓަ 'ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ކަނޑައަޅާފައެވެ. ދެކުނުއެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ޓޭރިއަންޓެއްކަންފާހަގަކޮށް މި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްޢިއްޔާއިން ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ޤައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް
ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ. މި ޓޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭ މައުލޫމާތުތައް
އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ޓޭރިއަންޓް ފެނިފައިވާ ޤައުމުތަކުގައި ބަލި ފެތުރުން
އިތުރުވަމުންދާ ކަމުގައިވެސް މައުލޫމާތު ލިބެއެވެ.
މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން މި ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވެއެވެ.
ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެކެވެ. ކޭސްގެ ވެރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ވޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުންކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އެއޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފައެވެ.
އާ ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ
ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށްވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ބަލި ޖެހިއްޖެ ނަމަ ނުވަތަ ބަލިން ރައްކާތެރިވުމަށް އެޅުމަށް އަންގާފައިވާ ފިވަޔަޅުތައް:
- މާސްކުއެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން
- ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން
- އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާންމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން
- ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކަށް އަމަލުކުރުން
- އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުން
- ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ބޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޫސްޓަރ ޑޯޒް ޖެހުން
އެޗްޕީއޭއިން ބުނީ، ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ޙާލަތަށް ބަދަލުތައް މޮނިޓަރކޮށް ބަލި ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ޙާލަތާގުޅިގެން އަޅަމުންދާނެކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.