ރާއްޖެ ހިމެނޭހެން 46 ގައުމަކުން ކޮވިޑް-19ގެ އާ ވެރިއަންޓް އޮމިކްރޯން ފެނިފައިވާތީ ބަލިން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ދެކުނު އެފްރިކާއިން ރިޕޯރޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ވޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ވޭރިއަންޓެއް ކަމަށެވެ. މި ވޭރިއަންޓާ ބެހޭގޮތުން އިތުރު ދިރާސާތައްކޮށް، ކަމާބެހޭ މައުލޫމާތުތައް އެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރަމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން އިތުރުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން އޮމިކްރޯން ފެނިފައިވާ ކަމަށް ރިޕޯރޓް ކޮށްފައިވެއެވެ.
ރާއްޖެއިން ވެސް މިހާރު އޮމިކްރޯން ވޭރިއަންޓް ފެނިފައި ވާއިރު، ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް ނޮވެމްބަރ 21 ގައި ޒިޔާރަތްކޮށްފައިވާ ފަތުރުވެރިއެކެވެ. މި ކޭސްގެ ވޭރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ޑޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވި ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ގެންދަނީ ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ގަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއުއެޗްއޯގެ އެހީގައި ދަނީ ޓެސްޓު ކުރަމުންނެވެ. ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހަދާފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ޓޭރިއަންޓް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި
އަމަލުކުރުމަށް އެ އޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.
ދެކުނު އެފްރިކާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއަކީ "ކަންބޮޑުވާ މިންވަރަކަށް ފެތުރޭ ވޭރިއެންޓެއް" ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ޑަބްލިއުއެޗްއޯއިން ބުނީ 'އޯމިކްރޯން' ވޭރިއަންޓްގެ ސަބަބުން އެހެން ސްޓްރެއިންތަކާ އަޅާބަލާއިރު ރީއިންފެކްޝަން، ނުވަތަ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ނުރައްކާ ބޮޑު ކަމަށެވެ.
އޮމިކްރޯން ވޭރިއަންޓް ފެތުރެމުންދިއުމާ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެއިން ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓީނީން މީހުން ރާއްޖެ އައުން ވަނީ މަނާކޮށްފައެވެ. އެ ހަތް ގައުމުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ 14 ދުވަސް ކުރިން އެހެން ގައުމެއްގައި ކަރަންޓީނުވާން ޖެހޭނެއެވެ.
މި ހަތް ގައުމުން ސީދާ ރާއްޖެއަށް އާދެވޭނީ ހަމައެކަނި ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުންނަށެވެ. ނަމަވެސް އެ މީހުން, ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކޮށް ހަށިގަނޑުގައި ކޮވިޑް ނެތް ކަން ކަށަވަރު ކުރުމަށް ޓެސްޓް ކުރަން ޖެހޭނެއެވެ. މީގެއިތުރުން ދަތުރުވެރިންގެ ތެރެއިން 12 ގަޑިއިރަށްވުރެ ގިނައިރު އެ ހަތް ގައުމުގެ ތެރެެއިިން ގައުމެއްގައި ޓްރާންސިޓް ވެފައިވާ މީހުން ވެސް ރާއްޖޭގައި ކަރަންޓީނު ވާންޖެހޭނެއެވެ.