ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމްއޯޔޫއެއްގައި މިއަދު ވަނީ ސޮއިކުރެވިފައެވެ.

މިއަދު ސޮއިކުރި އެމްއޯޔޫގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލްއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ދާއިރާތަކުން ޒުވާނުންނަށް ތަމްރީނު ފޯރުކޮށްދިނުމާއެކު މަސައްކަތުގެ އަމަލީ ތަޖުރިބާ ފޯރުކޮށްދީ ޒުވާނުންނަކީ ގައުމުގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރާ ޒިންމާދާރު ބަޔަކަށް ހެދުންކަމުގައި ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއީލް ފާހަގަ ކުރެއްވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބޭނެއެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ސީއީއޯ އާދަމް އާޒިމްގެ ވާހަކާގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެމްޓީސީސީގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެމްޓީސީސީއަކީ އަބަދުވެސް ދިވެހިރާއްޖޭގެ ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ކުންފުންޏެއްކަންވެސް ފާހަގަކުރެއްވިއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ފަރާތުން ވެލްޑިންގ ޓެކްނިކްސް، ޕްލަމްބިންގ، އިލެކްޓްރިކްލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް، އޮޓޮމޯޓިވް މެއިންޓަނަންސް، ކާޕެންޓިންގ އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަންގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 100 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މި ފުރުސަތުތަކުގެ ތެރެއިން މާލޭ ނޫން އެހެން ރަށްރަށުގައި މަސައްކަތް ކުރާ ޒުވާނުންނަށް އެމްޓީސީސީގެ ފަރާތުންދޭ އެލަވަންސްގެ އިތުރުން ދަތުރުފަތުރާއި ހުރުން އަދި ކެއުމުގެ ޚަރަދުތައް އެކުންފުނިން ހަމަޖައްސައި ދިނުމަށް ވަނީ ނިންމާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *