ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީން އެ ގައުމަށް ފޮނުވާލުމަށް އެއްބަސްވުމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ޖަލުތަކުގައި އެކި މައްސަލަތަކުގައި ބިދޭސީން ތިބި އިރު، ހޯމް މިނިސްޓްރީގެ ޑިރެކްޓާ ކޮމިއުނިކޭޝަން ހަފްސީ އަބްދުﷲ ބުނީ ބަންގްލަދޭޝް ނޫން އެހެން ގައުމުތަކާއި އެކު ވެސް އެފަދަ އެއްބަސްވުންތައް ހަދާ އެ ގައުމުތަކަށް ނިސްބަތްވާ ގައިދީން އެ ގައުމުތަކަށް ފޮނުވަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ބަންގްލަދޭޝް ގައިދީން ވެސް ޖަލުތަކުގައި ތިބި އިރު، އެމީހުން ގައުމުތަކަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެފަދަ އެއްބަސްވުމެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެހެން އެއްބަސްވުން ހަދާނީ ޝަރުތުތައް ހިމަނާފަ. މިސާލަކަށް ހުކުމުގެ އެއްބައި އެ ގައުމުގަ ތަންފީޒުކުރުން ކަހަލަ ޝަރުތުތައް ހިމެނޭނެ
ހަފްސީ ވިދާޅުވީ ސީދާ ކޮން ޝަރުތުތަކެއްކަން ނޭނގޭ ކަމަށެވެ. އެކި ކަހަލަ ހުކުމްތަކުގައި ވެސް އަދި އެ އެއްބަސްވުން ހަދާ ގައުމުތަކުގެ ވެސް ޝަރުތުތައް ތަފާތުވާނެ ކަމަށް ވިދާޅުވިއެވެ. ހަފްސީ ވިދާޅުވީ މި އެއްބަސްވުމަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. މިއީ ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން ހިނގާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ބަންގްލަދޭޝް ގައިދީން އަނބުރާ ގައުމަށް ފޮނުވަން އެއްބަސްވުން ހަދަން ތައްޔާރުވަމުން އަންނައިރު ރާއްޖޭގައި ގިނައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 60،000އެއްހާ ބިދޭސީން ރާއްޖޭގެ އެކި ހިސާބުތަކުގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.