ކުރިގެ ރައީސް އަބްދުﷲ ޔާމީން ދައުލަތުން އެދިވަޑައިގެންނެވި 2.4 މިލިއަން ރުފިޔާއާއި މެދު މި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާ 2019، ނޮވެމްބަރު 28ގައި ކްރިމިނަލް ކޯޓުގައި ސާބިތުވެ، އެމަނިކުފާނަށް ކުރި 5 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ފެއްޓެވުމާއެކު ދައުލަތުން ދޭ އިނާޔަތްތައް އޮތީ މެދުކެނޑިފައެވެ. އޭރުއްސުރެ މިއަހަރު ނޮވެމްބަރު 30 ވަނަ ދުވަހާ ހަމައަށް އެމަނިކުފާނު ގެންދެވީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
ނޮވެމްބަރު 30ގައި ސުޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރުމާއެކު އެމަނިކުފާނުގެ ފަރާތްޕުޅުން މިވަނީ ބަންދުގައި ހުންނެވި 24 މަސް ދުވަހަށްވާ އިނާޔަތްތައް ހޯއްދަވަން އެދިވަޑައިގެންފައެވެ.
މިކަމާ ގުޅޭގޮތުން 'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރ މުހައްމަދު ޝަނޫން ވިދާޅުވީ މި ހަފްތާގައި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.
ޖަލަށް ވަޑައިގެންނެވުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެމަނިކުފާނު ނަންގަވަމުން ގެންދެވީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާއާއި ދިރިއުޅޭ ޚަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50،000 ރުފިޔާއެވެ. ރައީސުލްޖުމްހޫޜިއްޔާކަން ކުރެއްވި ބޭފުޅުންގެ އޮފީސް ހިންގެވުމުގެ ޚަރަދުގެ ގޮތުގައި ދައުލަތުން ދޭން ގާނޫނުން ލާޒިމު ކުރާ 175،000 ރުފިޔާ އެމަނިކުފާނު ނުނަންގަވާތީ އިނާޔަތުގެ ގޮތުގައި ދައުލަތުން ލިބެނީ ޖުމްލަ 100،000 ރުފިޔާއެވެ.
24 މަސް ދުވަހަށް މި އިނާޔަތްތައް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާތީ ދައުލަތުން އެމަނިކުފާނަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ އަދަދު 2.4 މިލިއަނަށް އަރައެވެ.